Home » » މާވަށު ބޭބީ ނާސަރީ ކުއްޖެއްގެ އަތް ޓޭޕުން ބަން ކަމަށްބުނެ ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއް – ކައުންސިލް މެންބަރެއް

މާވަށު ބޭބީ ނާސަރީ ކުއްޖެއްގެ އަތް ޓޭޕުން ބަން ކަމަށްބުނެ ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއް – ކައުންސިލް މެންބަރެއް

ލ. މާވަށު ޕްރީ ސްކޫލްގެ ބޭބީ ނާސަރީ ކުއްޖެއްގެ ދެ އަތް އެ ތަނުގެ ޓީޗަރަކު ޓޭޕުން ބަން މައްސަލައެއް ފެންމަތިވެފައި ވާކަމަށް ބައެއް
މީޑިއާ ތަކުގައި މިއަދު ފެތުރެމުންދާ ޚަބަރަކީ ކަމުގެ ޙަޤީޤަތް އޮޅުވާލައިގެން ފެތުރެމުންދާ ވާހަކަތަކެއް ކަމަށް މާވަށު ކައުންސިލް މެންބަރަކު މަޢުލޫމާތު ދީފިއެވެ.

އެލްއޭ ނިއުސް އަށް މަޢުލޫމާތު ހިއްސާކުރެއްވި ކައުންސިލް މެންބަރު ވިދާޅުވީ ޚަބަރުތައް ފެތުރިފައި ވާގޮތަށް ކުއްޖާގެ އަތުގައި ޓޭޕް އަޅާފައި ނުވާކަމަށެވެ.

"އަޅުގަނޑު ދެންމެ މިއައީ ޓީޗަރުންނާއި ބެލެނިވެރިޔާ އާއި ބައްދަލުކޮށްފައި. ކުއްޖާގެ ބެލެނިވެރިޔާ އަކީވެސް ޓީޗަރެއް. އެފަދަ ގޮތަކަށް މަޢުލޫމާތު ދީފައި ނުވާނެކަމަށާއި އެ އަމަލު އެފަދަ ގޮތަކަށް ސިފަކޮށްފައި ނުވާނެކަމަށް ބެލެނިވެރިޔާ ބުނި. އަދި ޓީޗަރުވެސް ބުނީ ޓޭޕުން އަތް ނުބަންނަ ކަމަށާއި އަތުގައި ކުޑަ ޓޭޕްކޮޅެއް ތަތްކޮށްލި ކަމަށް."

ކަން ހިނގި ގޮތް ސާފުކުރެއްވުމަށްފަހު ކައުންސިލް މެންބަރު އެލްއޭ ނިއުސް އަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ކަން ހިނގިގޮތް ނުބަލައި މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓީޗަރުންނަށް ނަފުސާނީ ބިރުވެރިކަމެއް ލިބިފައި ވާކަމަށްވެސް ވިދާޅުވިއެވެ.

މި ޚަބަރު ފަތުރަމުން ހަވީރު އޮންލައިންގައި ތުއްތު ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކާއި ހަވާލާދީ ބުނެފައިވަނީ އެ ކުއްޖާގެ އަތުގައި ޓޭޕް އެޅީ ކްލާހުގައި މަޑުން ނީންނާތީ ކަމަށާއި ނަމަވެސް އެއީ އަނިޔާއެއް ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ޓޭޕް އެޅުމުން އަތަށް ތަދު ވެސް ވާނެ ދެއްތޯ. އަދަބު ދިނުމުގެ ގޮތުން ވެސް އެކަހަލަ ކަމެއް ކޮށްގެން ނުވާނެ. ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އެއީ މާ ބޮޑު މައްސަލައަކަށް ހާދަކަށް،" އާއިލާއިން ވާހަކަ ދެއްކި ބުނިކަމަށް ހަވީރުން ބުނެއެވެ.

ހަވީރު ނޫހުގައި މާވަށު ޕްރީ ސްކޫލް ހިންގާ ރަށު ކައުންސިލްގެ ރައީސް ޔޫސުފް ޢާމިރާއި ޙަވާލާދީ ބުނެފައިވަނީ މިކަމަކީ އިއްޔެ ހިނގި ޙާދިސާއެއް ކަމަށާއި މިކަމާ ގުޅިގެން ބެލެނިވެރިން ޝަކުވާ ހުށައަޅާފައި ވާކަމަށެވެ. އަދި އެ ޝަކުވާއާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެނގިފައިވާ ގޮތުގައި އެއީ ކްލާހުގައި ހިންގި ހަރަކާތެއްގެ ތެރެއިން ކުރި ކަމެއް ކަން އެނގިފައިވާކަމަށެވެ.

"އަދަބެއް ދީ ނުވަތަ އަނިޔާއެއް ދިނުމުގެ ގޮތަކުން ކުރި ކަމެއް ނޫން. އެއީ ކްލާހުގެ ތެރޭގައި ހިންގި ހަރަކާތެއްގެ ތެރެއިން ކޮށްފައިވާ ކަމެއްކަން އެނގިފައި ވަނީ. ނަމަވެސް އެފަދަ ކަންކަން އެ ގޮތަށް ނުކުރުމަށް ސްކޫލުގެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ އަންގާފައި. އަދި އެ ކްލާހުގެ ޓީޗަރުންނާ ވެސް ބައްދަލުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން. ނަމަވެސް އެއީ އެހާ ބޮޑު މައްސަލައަކަށް ހަދައިގެން އެއްވެސް ބަޔަކު ނޫޅޭ،" ޔޫސުފު ޢާމިރު ވިދާޅުވިކަމަށް ހަވީރުގައި ވެއެވެ.

އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެއްވި ކައުންސިލް މެންބަރު ވިދާޅުވީ އެ ޚަބަރަކީ ކަން ހިނގިގޮތާއި ޚިލާފަށް މީހަކު ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށެވެ.



Saved under :
Avatar

by Unknown

Donec dictum suscipit nibh in malesuada. Proin sit amet metus vel massa volutpat ornare. Pel len tesque vel nunc a lacus gravida euismod. Maecenas vel nunc nec magna sodales fermentum cursus non felis amet metus vel massa volutpat

No comments:

Leave a Reply