Home » » އެއްހާސް އަހަރު – ހަވަނަ ބައި

އެއްހާސް އަހަރު – ހަވަނަ ބައި


" ހަމަ މިހާރު ކަލޭގެެ ވާހަކަ އަހަންނަށް ކިޔައިދީ، އެހެން ނޫނީ އަހަރެން ކަލެޔަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނަން. އަދި ކަލޭ މަށަށް ދޮގު ހެދިކަން އެނގިއްޖެއްޔާ 'އަނިޔާ' އޭ މިކިޔާ ލަފުޒު ގެ މާނަ އެއަށްވުރެވެސް ވޭން ހުރި އެއްޗަކަށް މާނަ ބަދަލުވާހާ އަނިޔާ ކޮށްލާނަން!"

ޔަރަސް ކިތަންމެ ވަރަކަށް އެދުނަސް އޭނާގެ މަންމަގެ ވާހަކަތައް ކިޔައިދެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ބިޝާރާގެ ލޯބިވާ މަންމަ އެވެ. ޔަރަސް ކަހަލަ މަޚްލޫޤަކަށް މައިވަންތަ ކަމުގެ ގުޅުމެއް ނުވިސްނޭނެއެވެ. ބިޝާރާގެ މަންމަގެ ވާހަކަތައް ކިޔައިދިނުމުން ޖޯކް ޖަހަން ޔަރަސް އަށް އެނގިދާނެއެވެ. އަދި އޭނާ މަރާލުމުގެ ކުރިން އެ ވާހަކަތައް އަޑު އަހައިފައި ހީ މަލާމަތް ކޮށްފާނެއެވެ. އޭނާގެ މަންމަގެ ޙާލަތާއި މެދު މަލާމާތް ކުރަމުންދާ ވަގުތު މަރާއި ކުރިމަތިލުމަކީ އޭނާއަށް ރުހެވޭނެ ކަމެއް ނޫނެވެ.

ޔަރަސްގެ އެދުމަށް ބިޝާރާ ޖަވާބެއް ނުދިނުމުން ކުއްލި ހަރާކާތަކާއިއެކު އޭނާގެ އަތުގެ ކުޑަހުޅައި ހަމައިން ނާރުތަކުގެ ތެރެއަށް ޔަރަސްގެ ތޫނު ފޭރާދަތް ވައްދާލިއެވެ. ހަމަ އެއާއިއެކު އޭނާގެ ހަށިގަނޑުގެ ވިހަކަން ބިޝާރާގެ ހަށިގަނޑަށް ފޮނުވާލިއެވެ. ފޮނުވާލި ޒަހަރުގެ ވިހަ ކަމުން ބިޝާރާގެ އަތުގައި ހުރި ޒަޚަމުން އެއްމެ ލޭ ތިއްކެއްވެސް ނީރެމުންނެއް (ލީކުވަމުންނެއް) ނުދެއެވެ. މިވަގުތަށް ޔަރަސް ބޭނުންވަނީވެސް ބިޝާރާ މަރާނުލައި ބަހައްޓާށެވެ. ބިޝާރާގެ ނުކިޔަމަންތެރިކަމާއި ބޯހަރު ކަމުގެ އުޤޫބާތް ދިނުމަށް ޔަރަސް ބޭނުންވިއެވެ. އެއްވެސް އިންސާނަކު ވޭމްޕަޔަރަކާއި އެފަދަ ބޭ އަދަބީ ގޮތަކަށް ވާހަކަ ދެއްކުމަށް ފުރުޞަތު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ބިޝާރާގެ އަތުގެ ނާރުތަކުގެ ތެރެއަށް ވިހަ ޒަހަރު ފޮނުވާލިވަގުތި އެއްޗެއް ކަށިޖެހީމާ ނަގާ ކަހަލަ ވަރުގަދަ ދިލަކަމެއް އިޙްސާސް ކުރެވުމުން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ ދިލަ ތަދު އޭނާގެ މުލައްދަނޑިން މައްޗަށް އަރަމުން ދިޔަ އެވެ. ވިހަގަދަ ނަގުލަންދާއްޓެއް ކަށިޖެހުމުން އަޅާ ވޭނަށްވުރެން އެ ވޭން ގަދަކަމަށް އިޙްސާސް ކުރެވުނެވެ. ބިޝާރާގެ ހަށިގަނޑުން ވަރުދެރަވަމުން ދިޔަ ވަގުތު ޔަރަސްގެ އަނގައިން ފާޑެއްގެ އަޑެއް ލައްވަމުން ދިޔައެވެ. ވިހަގަދަ ބައެއް ހަރުފައިގެ އަނގައިން ނެރޭފަދަ އަޑެކެވެ.

"އަހަރެން ބުނާ ގޮތް ހަދަންދެން މިގޮތަށް ކަލޭގެ ގަޔަށް ވިހަލަމުން ވިހަލަމުން ގެންދާނަން. އެހެން ނޫނީ ހަމަ މިހާރު ކަލޭގެ ވާހަކަތައް ކިޔައިދީ!" ޔަރަސްގެ ނުލަފާކަން ދައްކަމުން އިންޒާރު ދިނެވެ.

"އެންމެ ރަނގަޅު!" ބިޝާރާގެ ޒަޚަމްވެފައިވާ އަތުގައި އަނެއް އަތުން ހިފަހައްޓަލަމުން ބުނެލިއެވެ. "އަހަރެން... އަހަރެން... ކިޔާދޭނަން... ޕްލީސް ތި ގޮތަށް އަނިޔާކުރުން ހުއްޓާލަދީ، އަޅެ އާދޭސްކޮށްފަ މިބުނީ."

ޔަރަސް ފަހަތަށް ޖެހިލިއެވެ. ހަށަންބަނދެލަމުން ބިޝާރާއަށް ބަލަންފެށިއެވެ. ކެތްތެރިކަމާއިއެކު މަޑުކޮށްލިއެވެ.

ބިޝާރާ އޭނާގެ ހަޔާތުނާމާ ކިޔައިދޭން ފެށިއެވެ. އުފަންވިގޮތާއި، އޭނާގެ ބައްޕަ އޭނާގެ މަންމައަށް ބޭވަފާތެރިވީ ގޮތާއި އޭނާގެ މަންމައާއި ދެމައިން އުފުލި ބުރައިގެ ވާހަކަ ތަކެވެ. ގަމަށް ހިޖުރަކުރި ގޮތާއި ހޮސްޕިޓަލުން ވަޒީފާ ލިބުނު ގޮތުގެ ވާހަކަ ތަކެވެ. އަދި ކުއްޔަށް އުޅުމަށްފަހު ގަމު އަލަށް އާބާދުވާ ސަރަޙައްދުން ގެއެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އެންމެފަހުން ބިޝާރާގެ މަންމަގެ ކައްޓަށް ކެންސަރުޖެހިގެން އެކަން ބަރުދާސްތުކުރި ގޮތުގެ ވާހަކަތައް ކިޔައިދިނެވެ. ދާދިފަހުން އޭނާގެ މަންމަ ދުނިޔެއިން ވަކިވެގެންދިޔަ ގޮތުގެ ވާހަކަތައް މޮޅިވެރިކަމާއެކު ކިޔައިދިނެވެ. އަދި އޭނާ މި ރުއްގަނޑަށް އަންނަންފެއްޓިގޮތުގެ ވާހަކަތައްވެސް ކިޔައިދިނެވެ. ޚާއްޞަކޮށް މިރޭ ރުއްގަނޑަށް އައީ ގަމާއި އަލްވަދާޢު ކިޔައި ކޮންމެވެސް އެހެން މަންޒިލަކަށް ދިއުމަށް ނިންމާފައިވުމުން ވަދާޢީ ސަލާން ކުރުމުގެ ގޮތުން ހުދު ފިނިފެންމަލެއް ދީ ރަޙްމަތްތެރިކަން ޤާއިމު ކުރުމަށްކަމަށް ބުންޏެވެ.

"އަހަންނަކަށް ނޭނގޭ ދާންވީ ކޮންތަކަށް ކަމެއްވެސް، ދާނެ ވަކި މަންޒިލެއް ނެތް. އެކަމަކުވެސް މަށަކަށް ނެތް މިރަށު މަޑުކުރެވޭކަށް." މިހެން ބުނަމުން އަނެއްކާވެސް އޭނާގެ މަންމަ ތަޙައްމަލުކުރި ގަދަ ވޭނުގެ ވާހަކަތައް ތަކުރާރު ކުރަން ފެށިއެވެ.

"އަހަރެން މި ރުއްގަނޑަށް އަންނަނީ ރޯން. މިތާ އިނދެ ހިތްފުރެންދެން ރުޔަސް އެކަކަށްވެސް އަޑު ނީވޭނެތީ. އަހަރެން މިތަނަށް އަންނަނީ ތީނައަށް އުނދަގޫ ކުރާކަށް ނޫން." މިހެން ބުނަމުން ބިޝާރާ ބަލައިލިގޮތުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޔަރަސްގެ ހިލަ ހިތުގައި ކޫރުމެއް އެޅިގެން ދިޔަ ފަދައެވެ.

ބިޝާރާގެ ވާހަކަތައް ކިޔައިދީ ނިމިއްޖެއެވެ. އެވަގުތު މުޅި މާހައުލަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ބިޝާރާގެ ހަތަރުކަޅިވަނީ ޔަރަސް ގެ ލޮލަށް އަމާޒުވެފައެވެ. އެނގުމެއްގެ ތެރެއިން ކަމަށްވެސް ވެދާނެއެވެ. އޭނާގެ ބޯޑު ދެލޮލުން ހިތާމައާއި ގިލަންވެރިކަން ފެންނަމުން ދިޔައެވެ. ކަޅި ޖަހާވެސް ނުލައި ޔަރަސްގެ މޫނަށް ބިޝާރާ ބަލަން ހުރީ ކެތް މަދުވެފައެވެ. ޔަރަސް ވާހަކަދައްކަން ފަށާނެ ވަގުތަކަށް ކެތްމަދުވެފައެވެ.

އިރުކޮޅެއް ފަހުން ޔަރަސް ވާހަކަދައްކަން ފެށިއެވެ. އޭނާގެ އަޑުގައި މައިތިރި ކަމެއް ހުއްޓެވެ. ނަމަވެސް ހަރުކަށިކަން ކޮންމެވެސް ވަރަކަށް ހުރިކަން އެނގެއެވެ.

"އަހަރެން ކަލޭ މަރައެއް ނުލާނަން – މިވަގުތަށް އެކަން އޮތީ އެހެން!!"

"އަސްލުވެސްތަ؟" ޔަޤީން ކުރުމަށް ބިޝާރާ ސުވަލު ކުރިއެވެ.

"އަހަރެން މިބުނީ އިހަށް މިވަގުތަށް ކަލޭ މަރައެއް ނުލަނަމޭ!" ޔަރަސް ކުޅެއް ޖަހަމުން ބުންޏެވެ. "އަހަރެން އަދި މުޅިއަކުން ނުނިންމަން ކަލެއަށް އިތުބާރު ކުރެވޭ ވަރު ވެއްޖެކަމަކަށް. ކިހިނެތް މަށަށް އެނގޭނީ ތީ ކަލޭ އަހަރެން މައިތިރި ކުރުވަން ހަދަހަދައިގެން ދެއްކި ކޫސަނި ވާހަކަތަކެއް ނޫން ކަމެއްވެސް؟"

ނުނިމޭ



Saved under :
Avatar

by Unknown

Donec dictum suscipit nibh in malesuada. Proin sit amet metus vel massa volutpat ornare. Pel len tesque vel nunc a lacus gravida euismod. Maecenas vel nunc nec magna sodales fermentum cursus non felis amet metus vel massa volutpat

No comments:

Leave a Reply