ކަޝްބީ ޙަޔާތް - ފުރަތަމަ ބައި

އަހަރެން ސްކޫލް ނިމިގެން ގެއަށް އައިސް ވަނީމެވެ. އޭރު މަންމަ އުޅެނީ ބަތްޕެން ކައްކާށެވެ. އިއްޔެވެސް މެންދުރު ކޮއްތަށް ހުރީ ބަތްޕެނެވެ. ކުރިން ދުވަހުވެސް ހަމަ އެ ބަތްޕެން ގަނޑެވެ. އަހަރެންގެ އުމުރުން 5 އަހަރުން ފެށިގެންވެސް މި ނޫން އެއްޗެއް ހުންނަ ހަނދާނެއް ނުހުރެ އެވެ. އާނއެކެވެ. އަހަރެންގެ އުފަން ރަށް ކަމަށްވާ އޭދަފުށީ މީހުން ކައްކާ ހޮނިހިރު ބަތްޕެން ގަނޑެވެ. މާލޭގައި އުޅުނެއް ކަމަކު ރަށުގެ އާދަކާދަ ދޫކޮށްލާކަށް މަންމަ ބޭނުމެއް ނުވެއެވެ. އެހެން ނޫނަސް މިހާރު އަހަރެންގެ އުމުރުން 17 އަހަރު ވެފައިވިޔަސް މަންމައަކީ އަހަންނާއި މެދު އެހާބޮޑަށް އަޅާލާ މަންމައެއް ނޫނެވެ. އަހަރެން ކެޔަސް ނުކެޔަސް މަންމައަށް ވަރިހަމަ ވާނެއެވެ. އަހަންނަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ވާނެ އެވެ.

އެއްހާސް އަހަރު – ހަވަނަ ބައި


" ހަމަ މިހާރު ކަލޭގެެ ވާހަކަ އަހަންނަށް ކިޔައިދީ، އެހެން ނޫނީ އަހަރެން ކަލެޔަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނަން. އަދި ކަލޭ މަށަށް ދޮގު ހެދިކަން އެނގިއްޖެއްޔާ 'އަނިޔާ' އޭ މިކިޔާ ލަފުޒު ގެ މާނަ އެއަށްވުރެވެސް ވޭން ހުރި އެއްޗަކަށް މާނަ ބަދަލުވާހާ އަނިޔާ ކޮށްލާނަން!"

ޔަރަސް ކިތަންމެ ވަރަކަށް އެދުނަސް އޭނާގެ މަންމަގެ ވާހަކަތައް ކިޔައިދެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ބިޝާރާގެ ލޯބިވާ މަންމަ އެވެ. ޔަރަސް ކަހަލަ މަޚްލޫޤަކަށް މައިވަންތަ ކަމުގެ ގުޅުމެއް ނުވިސްނޭނެއެވެ. ބިޝާރާގެ މަންމަގެ ވާހަކަތައް ކިޔައިދިނުމުން ޖޯކް ޖަހަން ޔަރަސް އަށް އެނގިދާނެއެވެ. އަދި އޭނާ މަރާލުމުގެ ކުރިން އެ ވާހަކަތައް އަޑު އަހައިފައި ހީ މަލާމަތް ކޮށްފާނެއެވެ. އޭނާގެ މަންމަގެ ޙާލަތާއި މެދު މަލާމާތް ކުރަމުންދާ ވަގުތު މަރާއި ކުރިމަތިލުމަކީ އޭނާއަށް ރުހެވޭނެ ކަމެއް ނޫނެވެ.

ޔަރަސްގެ އެދުމަށް ބިޝާރާ ޖަވާބެއް ނުދިނުމުން ކުއްލި ހަރާކާތަކާއިއެކު އޭނާގެ އަތުގެ ކުޑަހުޅައި ހަމައިން ނާރުތަކުގެ ތެރެއަށް ޔަރަސްގެ ތޫނު ފޭރާދަތް ވައްދާލިއެވެ. ހަމަ އެއާއިއެކު އޭނާގެ ހަށިގަނޑުގެ ވިހަކަން ބިޝާރާގެ ހަށިގަނޑަށް ފޮނުވާލިއެވެ. ފޮނުވާލި ޒަހަރުގެ ވިހަ ކަމުން ބިޝާރާގެ އަތުގައި ހުރި ޒަޚަމުން އެއްމެ ލޭ ތިއްކެއްވެސް ނީރެމުންނެއް (ލީކުވަމުންނެއް) ނުދެއެވެ. މިވަގުތަށް ޔަރަސް ބޭނުންވަނީވެސް ބިޝާރާ މަރާނުލައި ބަހައްޓާށެވެ. ބިޝާރާގެ ނުކިޔަމަންތެރިކަމާއި ބޯހަރު ކަމުގެ އުޤޫބާތް ދިނުމަށް ޔަރަސް ބޭނުންވިއެވެ. އެއްވެސް އިންސާނަކު ވޭމްޕަޔަރަކާއި އެފަދަ ބޭ އަދަބީ ގޮތަކަށް ވާހަކަ ދެއްކުމަށް ފުރުޞަތު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ބިޝާރާގެ އަތުގެ ނާރުތަކުގެ ތެރެއަށް ވިހަ ޒަހަރު ފޮނުވާލިވަގުތި އެއްޗެއް ކަށިޖެހީމާ ނަގާ ކަހަލަ ވަރުގަދަ ދިލަކަމެއް އިޙްސާސް ކުރެވުމުން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ ދިލަ ތަދު އޭނާގެ މުލައްދަނޑިން މައްޗަށް އަރަމުން ދިޔަ އެވެ. ވިހަގަދަ ނަގުލަންދާއްޓެއް ކަށިޖެހުމުން އަޅާ ވޭނަށްވުރެން އެ ވޭން ގަދަކަމަށް އިޙްސާސް ކުރެވުނެވެ. ބިޝާރާގެ ހަށިގަނޑުން ވަރުދެރަވަމުން ދިޔަ ވަގުތު ޔަރަސްގެ އަނގައިން ފާޑެއްގެ އަޑެއް ލައްވަމުން ދިޔައެވެ. ވިހަގަދަ ބައެއް ހަރުފައިގެ އަނގައިން ނެރޭފަދަ އަޑެކެވެ.

"އަހަރެން ބުނާ ގޮތް ހަދަންދެން މިގޮތަށް ކަލޭގެ ގަޔަށް ވިހަލަމުން ވިހަލަމުން ގެންދާނަން. އެހެން ނޫނީ ހަމަ މިހާރު ކަލޭގެ ވާހަކަތައް ކިޔައިދީ!" ޔަރަސްގެ ނުލަފާކަން ދައްކަމުން އިންޒާރު ދިނެވެ.

"އެންމެ ރަނގަޅު!" ބިޝާރާގެ ޒަޚަމްވެފައިވާ އަތުގައި އަނެއް އަތުން ހިފަހައްޓަލަމުން ބުނެލިއެވެ. "އަހަރެން... އަހަރެން... ކިޔާދޭނަން... ޕްލީސް ތި ގޮތަށް އަނިޔާކުރުން ހުއްޓާލަދީ، އަޅެ އާދޭސްކޮށްފަ މިބުނީ."

ޔަރަސް ފަހަތަށް ޖެހިލިއެވެ. ހަށަންބަނދެލަމުން ބިޝާރާއަށް ބަލަންފެށިއެވެ. ކެތްތެރިކަމާއިއެކު މަޑުކޮށްލިއެވެ.

ބިޝާރާ އޭނާގެ ހަޔާތުނާމާ ކިޔައިދޭން ފެށިއެވެ. އުފަންވިގޮތާއި، އޭނާގެ ބައްޕަ އޭނާގެ މަންމައަށް ބޭވަފާތެރިވީ ގޮތާއި އޭނާގެ މަންމައާއި ދެމައިން އުފުލި ބުރައިގެ ވާހަކަ ތަކެވެ. ގަމަށް ހިޖުރަކުރި ގޮތާއި ހޮސްޕިޓަލުން ވަޒީފާ ލިބުނު ގޮތުގެ ވާހަކަ ތަކެވެ. އަދި ކުއްޔަށް އުޅުމަށްފަހު ގަމު އަލަށް އާބާދުވާ ސަރަޙައްދުން ގެއެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އެންމެފަހުން ބިޝާރާގެ މަންމަގެ ކައްޓަށް ކެންސަރުޖެހިގެން އެކަން ބަރުދާސްތުކުރި ގޮތުގެ ވާހަކަތައް ކިޔައިދިނެވެ. ދާދިފަހުން އޭނާގެ މަންމަ ދުނިޔެއިން ވަކިވެގެންދިޔަ ގޮތުގެ ވާހަކަތައް މޮޅިވެރިކަމާއެކު ކިޔައިދިނެވެ. އަދި އޭނާ މި ރުއްގަނޑަށް އަންނަންފެއްޓިގޮތުގެ ވާހަކަތައްވެސް ކިޔައިދިނެވެ. ޚާއްޞަކޮށް މިރޭ ރުއްގަނޑަށް އައީ ގަމާއި އަލްވަދާޢު ކިޔައި ކޮންމެވެސް އެހެން މަންޒިލަކަށް ދިއުމަށް ނިންމާފައިވުމުން ވަދާޢީ ސަލާން ކުރުމުގެ ގޮތުން ހުދު ފިނިފެންމަލެއް ދީ ރަޙްމަތްތެރިކަން ޤާއިމު ކުރުމަށްކަމަށް ބުންޏެވެ.

"އަހަންނަކަށް ނޭނގޭ ދާންވީ ކޮންތަކަށް ކަމެއްވެސް، ދާނެ ވަކި މަންޒިލެއް ނެތް. އެކަމަކުވެސް މަށަކަށް ނެތް މިރަށު މަޑުކުރެވޭކަށް." މިހެން ބުނަމުން އަނެއްކާވެސް އޭނާގެ މަންމަ ތަޙައްމަލުކުރި ގަދަ ވޭނުގެ ވާހަކަތައް ތަކުރާރު ކުރަން ފެށިއެވެ.

"އަހަރެން މި ރުއްގަނޑަށް އަންނަނީ ރޯން. މިތާ އިނދެ ހިތްފުރެންދެން ރުޔަސް އެކަކަށްވެސް އަޑު ނީވޭނެތީ. އަހަރެން މިތަނަށް އަންނަނީ ތީނައަށް އުނދަގޫ ކުރާކަށް ނޫން." މިހެން ބުނަމުން ބިޝާރާ ބަލައިލިގޮތުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޔަރަސްގެ ހިލަ ހިތުގައި ކޫރުމެއް އެޅިގެން ދިޔަ ފަދައެވެ.

ބިޝާރާގެ ވާހަކަތައް ކިޔައިދީ ނިމިއްޖެއެވެ. އެވަގުތު މުޅި މާހައުލަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ބިޝާރާގެ ހަތަރުކަޅިވަނީ ޔަރަސް ގެ ލޮލަށް އަމާޒުވެފައެވެ. އެނގުމެއްގެ ތެރެއިން ކަމަށްވެސް ވެދާނެއެވެ. އޭނާގެ ބޯޑު ދެލޮލުން ހިތާމައާއި ގިލަންވެރިކަން ފެންނަމުން ދިޔައެވެ. ކަޅި ޖަހާވެސް ނުލައި ޔަރަސްގެ މޫނަށް ބިޝާރާ ބަލަން ހުރީ ކެތް މަދުވެފައެވެ. ޔަރަސް ވާހަކަދައްކަން ފަށާނެ ވަގުތަކަށް ކެތްމަދުވެފައެވެ.

އިރުކޮޅެއް ފަހުން ޔަރަސް ވާހަކަދައްކަން ފެށިއެވެ. އޭނާގެ އަޑުގައި މައިތިރި ކަމެއް ހުއްޓެވެ. ނަމަވެސް ހަރުކަށިކަން ކޮންމެވެސް ވަރަކަށް ހުރިކަން އެނގެއެވެ.

"އަހަރެން ކަލޭ މަރައެއް ނުލާނަން – މިވަގުތަށް އެކަން އޮތީ އެހެން!!"

"އަސްލުވެސްތަ؟" ޔަޤީން ކުރުމަށް ބިޝާރާ ސުވަލު ކުރިއެވެ.

"އަހަރެން މިބުނީ އިހަށް މިވަގުތަށް ކަލޭ މަރައެއް ނުލަނަމޭ!" ޔަރަސް ކުޅެއް ޖަހަމުން ބުންޏެވެ. "އަހަރެން އަދި މުޅިއަކުން ނުނިންމަން ކަލެއަށް އިތުބާރު ކުރެވޭ ވަރު ވެއްޖެކަމަކަށް. ކިހިނެތް މަށަށް އެނގޭނީ ތީ ކަލޭ އަހަރެން މައިތިރި ކުރުވަން ހަދަހަދައިގެން ދެއްކި ކޫސަނި ވާހަކަތަކެއް ނޫން ކަމެއްވެސް؟"

ނުނިމޭ

މަންމައަށް ޝުކުރިއްޔާ!!

މަންމާއެވެ. މަންމަގެ އެންމެ ހަގު ދަރިފުޅު، އަޅުގަނޑުގެ އުމުރުން މިހާރު 20 އަހަރަށްވުރެ ގިނަދުވަސް ވީއެވެ. މަންމަގެ އުމުރުން 50 އަށް ވުރެ މައްޗަށް ދިޔައީއެވެ. ހުރިހާ ދަރިން ބޮޑެތި ވެއްޖެއެވެ. މިހާރުތީ 3 ކުދިންގެ މާމަވެސް މެއެވެ. އެކަމަކު މިއަދުވެސް ތި އުޅެނީ ހީވާގިކަމާއެކު މެދުކެނޑުމެއްނެތި އަޅުގަނޑުމެންގެ ޚިދުމަތުގައެވެ. އަޅުގަނޑުމެންގެ މުހުތާދުތައް ފިލުވައިދިނުމުގައެވެ. އަޅުގަނޑުމެން ބޭނުންވާ ހުރިހާކަމެއްކޮށްދެމުންނެވެ. ދުވާލުގެ ހަތަރު ދަން ތި ހޭދަކޮއްލަނީ އަޅުގަނޑުމެންނަށް ޓަކައެވެ. އަޅުގަނޑުމެންނަށް މީރުހާ ކާއެއްޗެއް ހަދައިދެއެވެ. އެންމެ ރީތި އަންނައުނު ގަނެދެއެވެ. ލޯބިން ބައްދާލާ ނިތްކުރީގައި ބޮސްދެމުން މަންމަ އަޅުގަނޑުމެންދެކެ ވާލޯބި އަންގައިދެއެވެ.

މަންމާއެވެ. މަންމަ، މަންމައެއްގެ ވަޒީފާ މިހާ ގިނަ ދުވަސްވަންދެން އަދާކުރާއިރު ހަމަ އެއްގޮތަކަށްވެސް ފޫހިނުވޭ ހެއްޔެވެ؟ ވަރުބަލި ނުވޭހެއްޔެވެ؟  ދުވަހަކުވެސް ސަލާމް ނުބުނަނީ ކީއްވެހެއްޔެވެ؟ ނޫނީ ޗުއްޓީ ނުނަގަނީ ކީއްވެ ހެއްޔެވެ؟ އެހެން މަންމައިން ދަރިން ބެލުމުގެ ވަޒީފާއިން ޗުއްޓީނަގާތަން އަޅުގަނޑަށް ފެނެއެވެ. އެއްބައި މައިން ދަރިން ވިއްކާތަނާއި ބޭނުން މީހަކު ގެންދަން ދޫކޮށްލާތަން ފެނެއެވެ. އަނެއްމައިން ދަރިފުޅު ހަމަ ވިހާތަނުން ވަޒީފާއިން ކެނޑެނީ އެދަރިފުޅު މޫދަށް ނޫނީ ކޮންމެވެސް އެހެންތަނަކަށް އެއްލާލައިގެންނެވެ. އެކުދިން އެކުދިންގެ މަންމައަށް އެންމެ ބޭނުންވާ ދުވަހު އެމަންމަމެން އެހެން ހެދުމުން އެކުދިން ދެރަވާނެ ބާވައެވެ؟ އެކުދިން ހިތާމަކުރާނެ ބާވައެވެ؟ އެކުދިން އެކުދިންގެ މަންމަ ދެކެ ލޯބިވާނެބާވައެވެ؟ އެކުދީންގެ އިހުސާސްތައް އަޅުގަނޑަށް އެނގޭނީ ކިހެނެއް ހެއްޔެވެ؟ ތިޔަ މަންމަ ދުވަހަކުވެސް އަޅުގަނޑަށް އެފަދަ ކަމެއް އިހުސާސްވިޔަކަ ނުދެއެވެ. އެފަދަ އެއްޗެއް ހިތަށް އަރާނެ ފުރުސަތުވެސް ނުދެއެވެ. އަޅުގަނޑު ހިތްހަމަ ނުޖެހޭ އެއްވެސްކަމެއް ތިޔަ މަންމަގެ ފަރާތުން ނުފެނެއެވެ.

މަންމާއެވެ. އެޚަބަރުތައް ބަލާފައި މަންމަގެ ލޮލުން ކަރުނަ އަންނަތަން އަޅުގަނޑު ދެކެމެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ މަންމަގެ ދަރިންނެއްވެސް ނޫނޭނުން ހެއްޔެވެ؟ އެއީ މަންމަ އާ ވާބައެއްވެސް ނޫނެއްނު ހެއްޔެވެ؟ އެކުދިންނަށް ވެސް ތި މަންމަގެ މައިވަންތަކަމުގެ ލޯބި ހުންނަނީ ހެއްޔެވެ؟ އެކަމަކު އަޅުގަނޑަށް އަނިޔާއެއް ވުމުން މަންމަ ރޯތަނެއް އަޅުގަނޑު ނުދެކެމެވެ. އަދި ހަދާނެއްވެސް ނުހުރެއެވެ. އަސްތާއެވެ! ހަނދާން ހުންނާނީ ކިހެނެއްހެއްޔެވެ؟ މަންމަ ދުވަހަކުވެސް އަޅުގަނޑަށް ދެރަކަމެއް ވިޔަކަ ނުދޭވިއްޔާއެވެ. އަބަދުވެސް މަންމަ ހުންނަނީ އަޅުގަނޑަށް ކަމެއް ވެދާނެތީ ބަލަބަލާ ވިއްޔާއެވެ.

މަންމާއެވެ. އަޅުގަނޑު ނުކާންވެގެން ބޮޑަހާކާތީ އަޅުގަނޑާ ދިމާއަށް މަންމަ ބާރަށް އެއްޗެހި ބުނާ ހަނދާން އަޅުގަނޑުހުރެއެވެ. ބޭބެމެންނަށް އުނދަގޫކޮށް ތޮޅެހަދާތީ މަންމަ އަޅުގަނޑުމެންނަށް އަދަބު ދޭ ހަނދާންވެސް އަޅުގަނޑު ހުރެއެވެ. އެދުވަހު މަންމަ އެހެންކަންތައްކުރުމުން އަޅުގަނޑު މަންމަ ދެކެ ރުޅިއައިސް ތުންދެމީމެވެ. ހިތްހަމަނުޖެހިގެން މަންމައާއި ދިމާއަށް އަތްއުކީމެވެ. މަންމަ އަދަބު ދޭތީ މަންމައަކީ ހާދަ ގޯސް މީހެކޭވެސް ހިތަށް އެރިފަހަރު ދިޔައެވެ. އެހެންނަމަވެސް އެކަމާ ހިތާމަކުރެވެނީވެސް އުފާ ކުރެވެނީވެސް މިއަދުއެވެ. ހިތާމަކުރެވެނީ އަޅުގަނޑު ގެ ވިސްނުން ކޮށިކަމާއި މެދުއެވެ. މަންމަ އާއި މެދު އެފަދަގޮތަށް ހީކުރެވުމުންނެވެ. އުފާ ކުރެވެނީ މަންމަ އަޅުގަނޑަށް އަދަބު ދިނީތީއެވެ. މަންމަ އަޅުގަނޑަށް ރަނގަޅާއި ނުބައި އޮޅުން ފިލުވައި ދިނީތީއެވެ. މަންމަ އަޅުގަނޑަށް ދިނީ އަދަބެވެ. މިހާރު އެއްބައި މައިން ދަރިންނަށް އަދަބު ދިނުމުގެ ނަމުގައި އަނިޔާކުރާގޮތަށް އަނިޔާކުރީއެއް ނޫނެވެ. މަންމަ އަޅުގަނޑަށް ދިނީ ނަސޭހަތެވެ. މަންމައަކު ދަރިއަކާދިމާއަށް ކިޔަން ނުވާ ދަރަޖައިގެ އެއްޗެހި އަޅުގަނޑާ ދިމާއަށް ގޮވާ ހަޅޭއްލެވީއެއް ނޫނެވެ.

މަންމާއެވެ. މަންމަ އަޅުގަނޑުމެންނަށްޓަކައި ހާދަހާ ބޮޑެތި ބުރަތަކެއް އުފުލައިފީމުއެވެ. އަޅުގަނޑުމެންގެ ކުރިމަގު އުޖާލާކޮށްދިނުމަށްޓަކައި މަންމަގެ އެތަކެއް އުފާތަކަކާއި ވަގުތުތަކެއް ޤުރުބާން ކޮއްފީމުއެވެ. އަދި މަންމަ މުސްކުޅިވީ ދުވަހުވެސް އަޅުގަނޑުމެންނަށް ޚިދުމަތްކޮށްދެމުން، މިހާރު ތިޔަ އަތުކުރި އޮޅާލީ މާމަދަރިން ބެލުމަށެވެ. އެކަމަކު ދުވަހަކުވެސް ތިޔަ ކޮއްދޭ ކަންކަމުގެ ބަދަލަކަށް ނޭދެމުއެވެ. މަންމައަށް އެހީތެރިވެދޭން އަޅުގަނޑުމެންނަށް އެއްވެސްކަމެއް ނުކޮށްދެވޭއިރުވެސް ތިޔަ މަންމަގެ އެއްވެސް ޝަކުވާއެއް ހިތްބުރަކަމެއް ނެތެވެ. އަބަދުވެސް ތިޔަ މަންމަގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އަބަދުވެސް ތިޔަ އިންނަނީ އަޅުގަނޑުމެން ކަމަކަށް އެދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ހަމަ މައިވަންތަކަމުގެ ކުލުނުހެއްޔެވެ؟ މަންމަ އަޅުގަނޑުމެންދެކެ ހަމަ އެހާ ބޮޑަށް ލޯބި ވޭހެއްޔެވެ؟ އަޅުގަނޑަށް ހަމަ ޔަގީނެވެ.

މަންމާއެވެ. މަންމަގެ ތިޔަ އޯގާތެރިކަމުން އަޅުގަނޑުމެން ތިޔަ ހަދައި ދިނީ ހާދަ ނަސީބުގަދަ ބަޔަކަށެވެ. ހާދަ އުފާވެރި ބަޔަކަށެވެ. އެކަން ދުވަހަކުވެސް އަޅުގަނޑު ހަދާންނައްތައެއް ނުލާނަމެވެ. މިހާރުގެ ގިނަ ޒުވާނުން އެމީހުންގެ މައިންބަފައިން މުސްކުޅިވާދުވަހު ނުބަލާ އެއްލައިލާ، ނޫންނަމަ ބަލަން ބޮޑުކަމަކަށްވެގެން އެމީހުންނަކީ ޖެހިފައިވާ ބަލާއަކަށް ހަދާގޮތަށް ތިޔަ މަންމައަކަށް ނުހަދާނަމެވެ. ތިޔަ މަންމަގެ ހިތުގަ ޖެހޭ އެންމެ ކުޑަ ލަފުޒެއްވެސް ނުބުނާނަމެވެ. އެއްވެސް ބާރެއްނެތް ކުޑަކުއްޖެއްގެ ގޮތުގައި އަޅުގަނޑު އޮތްދުވަހު ތިޔަ މަންމަގެ އޯގާވެރި އުނގުތެރޭގައި ބަލައި ބޮޑުކޮށް، އަޅުގަނޑު މީހަކަށް ތިޔަ ހެދި ހެދުން ފަނުފުލުން ދިޔަކަނުދޭނަމެވެ. މަންމަ ތިޔަ ކޮއްދެއްވާ އަގުނުކުރެވޭ ގިނަގުނަ ކަންތައްތަކަށް ޝުކުރުވެރިވާ ހާލު، ތިޔަ މަންމައަށްޓަކައި އަދި ދުނިޔޭގެ ހުރިހާ މައިންނަށްޓަކައި ހެޔޮ ދުޢާކުރުންމަތީ ދެމި ހުންނާނަމެވެ. މަންމައަށް ހެޔޮ ރަޙްމަތްލައްވާ ދިގު ޢުމުރެއްދެއްވާށިއެވެ. އާމީން!

“ހުރިހާ ދަރީންގެ ފަރާތުން އެންމެހާ މައިންނަށް އުފާވެރި މަންމައިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަމެވެ.”

ލިޔުނީ: ހާޝިމް އަބޫބަކުރު
މަސްދަރު: ކުޅުއްފުށި އޮންލައިން

ވަހީދަށް މަރުޙަބާ ކިޔުމަށް ކުދިން ލައްވާ ނައްޓުވާ ވާހަކަ ބުނުމުން އިސްލާމިކް މިނިސްޓަރ ދެއްވި ޖަވާބު

އިސްލާމް ދީނުގެ ދިފާޢުގައޭ، ވަޙްދަތޭ ކިޔައިގެން 7 ފެބްރުއަރީ 2012 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް އަރާ ހުންނެވި ވަހީދު ޙަސަން މަނިކު ލ. އަތޮޅަށް ކުރެއްވި ދަތުރެއްގައި މަރުޙަބާ ކިޔުމަށް ސްކޫލެއްގެ ދަރިވަރުން ލައްވާ ނެއްޓުވިއެވެ. މިކަން އިސްލާމިކް މިނިސްޓަރ ޝަހީމް އާއި ހިއްސާކުރުމަށް އެމަނިކުފާނަށް ގުޅާލުމުން ކަންވީގޮތަށް ބަލައިލުމުން މި ބޭފުޅާ އިސްލާމްދީން ހިމާޔަތް ކުރައްވާ ވަރު އަޅުގަނޑަށް އެނގިގެން ދިޔައެވެ.

އަޅުގަނޑު: އައްސަލާމު ޢަލައިކުމް، އަޅުގަނޑު މި ގުޅާލީ ތިބޭފުޅުން ދީން ހިމާޔަތް ކުރުމަށް ގެނައި ސަރުކާރުގެ ވެރިމީހާ މާދަމާ ލ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި މަރުޙަބާ ދެންނެވުމަށް ސްކޫލެއްގެ އަންހެންކުދިން ލައްވާ ނެށުމެއް ތައްޔާރުކޮށް އެކަން ކުރަން އުޅޭތީ އެވާހަކަ ދަންނަވާލަން
ޝަހީމް: ތިފަދަ ވާހަކަތައް ދައްކުވަން އަޅުގަނޑާ ނުގުޅުއްވާތި. ތީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. (ރުންކުރުވެފަ ރުޅިވެރިކަމާއެކު)
އަޅުގަނޑު: އަޅުގަނޑު ކޮންމެހެން ވަހީދުގެ ވާހަކަ ދައްކާހިތަކުން ނޫން އިނގޭތޯ. އެކަމަކު ތިބޭފުޅުން އިސްލާމް ދީނުގެ ހިމާޔަތުގައި ގެނައި ވެރި މީހާއަށް މަރުޙަބާ ކިޔުމަށް މިފަދަ ކަމެއް ކުރުވާތީ ހިތަށް އެރީ ތިބޭފުޅާއާ ހިއްސާކޮށްލަން ޖެހޭނެކަމަށް.
ޝަހީމް: އަޅުގަނޑު މިދެންނެވީ ނޫންތޯ، ތިފަދަ ވާހަކަތައް އަޅުގަނޑަށް އަންގަން ގުޅުއްވާނެ ކަމެއް ނެތޭ!! (މިހެން ބުނެފައި ޕައްކިޔާފަ ފޯނު ކަނޑާލި)

ދަންނަވާލެވުނީ ހަމަ ޙަޤީޤީ ވާހަކަ ތަކެކެވެ. އިސްލާމިކް މިނިސްޓަރ ޝަހީމް ދެއްވި ޖަވާބުން އަޅުގަނޑު ހައިރާނެއް ނުވަމެވެ. އެހެނީ އެބޭފުޅާއާއި އަދި އެގޮތަށް ދީނޭ ކިޔައިގެން ސިޔާސީ ފައިދާ ނަންގަވަން އުޅުއްވާ ބޭފުޅުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އަޅުގަނޑަށް އެނގެއެވެ. އެކަމަކު ވިސްނާލަންޖެހޭ ކަމަކީ ދީނަށް އެހާބޮޑަށް ލޯބިކުރައްވާ އަދި އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅަކު، މި ދެންނެވިފަދަ ނެށުމެއް ސްކޫލެއްގެ އަންހެންކުދިންތަކެއް ލައްވާ ނައްޓުވައި ޤައުމުގެ ވެރިމީހާއަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ ވާހަކަ ބުނުމުން ދެއްވަންވީ މިފަދަ ފިނޑި ޖަވާބެއްތޯއެވެ. އެ ޖަވާބު ދެއްވި އިރު 'ދީން ހިމާޔަތްކުރުން މަތިން ހަނދުމަނެތިވެ، ދުނިޔެވީ މަންފާއަށް' ހަވާ ނަފުސު ދޫކޮށްލެއްވީ ކަމަސްވެސް ވެދާނެއެވެ.

ވެރިކަން ވެއްޓުމާއި ބަޣާވާތް!

ރައީސް ނަޝިދުގެ ވެރިކަން ވެއްޓުމުން އެކަމާ ބައެއް ފުލުހުން އުފާފާޅުކުރަނީ
ފާއިތުވި އަހަރުގެ މުޅި ސިޔާސީވެށި ހަލަބޮލިކޮށްލި މުހިއްމު ހާދިސާއަކީ ކޮންމެހާލަތަކުން ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުކޮށްލި ކޮށްލުމެވެ. މިކޮލަމުގެ ފުރަތަމަ އަދަދުގައި ވާހަކަ ދައްކަން މިއުޅެނީ އެ ހާދިސާގެ މައްޗަކަށް ނޫނެވެ. އެއަށްވުރެ ފަހުން، ނަމަވެސް ދާދި އަވަހަށް ހިނގައިފާނެ ކަމަށް އަޅުގަނޑުގެ ބުއްދިއަށް ފެންނަ ކަމަކުން ނިކުމެދާނެ ނަތީޖާއެއްގެ މައްޗަށެވެ.

ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލުމާގުޅިގެން ސިޔާސީމައިދާނަށް ވެރިވެގަތް ހަލަބޮލިކަން ހައްލަކަށް އެޅުވީ ކޮމަންވެލްތާއެކު ހެދުނު އެއްބަސްވުމަކުންނެވެ. އެއަށް އަޅުގަނޑުމެން ކިޔައި މިއުޅެނީ "ކޯނި"ގެ ރިޕޯޓެވެ. ފާއިތުވި އަހަރު ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލީ ބަޣާވާތަކުންތޯ؟ ބެލުމާއި މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ޤާނޫނާއި ޤާވާޢިދާ އެއްގޮތްވާގޮތުގެ މަތިންތޯ؟ ބެލުމަކީ ރައްޔިތުން އެންމެ ބޭނުންވި މައިގަނޑު ދެކަންތަކެވެ.

ކޮމަންވެލްތު މެދުވެރިކޮށް މިހާރު އޮތް ސަރުކާރާއި، ލުއްސާލި ސަރުކާރާއި ދެމެދުވަނީ އާއްމުނުކުރާ މިނޫން އިތުރު އެއްބަސްވުމަކަށް އާދެވިފައެވެ. މިދެންނެވި އެއްބަސްވުން ބުނާގޮތުން ކޯނީގެ ރިޕޯޓުން ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ހުރިހާފަރާތަކުންވެސް އެ ބަލައިގަނެ، އެއަށް އިހުތިރާމްކުރަން ލާޒިމްކުރެއެވެ.

ހުރިހާކަމެއް ތާވަލުކުރެވިފައިވާގޮތުގެ މަތީން ސުންގަޑިއަށް ނިންމާލިއެވެ. ސަރުތު ތަކަކާލައިގެންނަމަވެސް ރައީސް ނަޝީދު އެ ރިޕޯޓް ބަލައިގަތީ ހުދު އެމަނިކުފާނު އެންމެ ފާޅުކަން ބޮޑުގޮތެއްގައި ވަކާލާތު ކުރައްވަމުން ގެންދެވި ބަޣާވާތުގެ ސުވާލަށް ސާފު ސީދާ ޖަވާބެއް އެ ރިޕޯޓްގެ ހުށަހެޅުންތަކުގައި ނެތީހެވެ. އެހެނަސް އެ ރިޕޯޓުގައި މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވި ހަވާލުވުން ހަލާލު ކޮށްދީފައި އޮތެވެ. ދެން އަމަލުކުރަންޖެހޭ ކަމަށް ބުނާ ހުށަހެޅުންތަކަކާއެކު އެކުލަވާލި ކޯނީގެ ރިޕޯޓުން ސިޔާސީ މަސްރަހަށް ހިމޭންކަން ގެނުވިއެވެ.

ރައީސް ވަހީދުވަނީ ކޯނީގެ ރިޕޯޓުގައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް މިހާރުވެސް ނުކުޅެދިފައެވެ. ކޯނީގެ ރިޕޯޓަކީ ދިރިދި އޮތް ރިޕޯޓެކެވެ. އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ ކޯނިގެ ރިޕޯޓުން ވަކި ގޮތެއްނިންމާފައިނުވާ މައްސަލައެއް އޭރުވެސް ފެންމަތިވެފަ އޮއްވައެވެ. ބަޣާވާތާއި ގުޅުންހުރި މައްސަލައަށް ވަކި ގޮތެއް ނިންމުމުން، އިތުރަށް ދެކޮޅު ހެދުމެއް އޮވެގެން ވާނެކަމަކަށް ބުއްދި ޤަބޫލެއްނުކުރެއެވެ. އެމަނިކުފާނު އެއްފަހަރަށް ވުރެ ގިނަ މުނާސަބަތުގައި ވިދާޅުވަނީ "ކޯނީގެ ރިޕޯޓުގައި މިއީ ބަޣާވާތެއްކަމަށް ނިންމައިފަނަމަ އަޅުގަނޑު މިހުރީ އިސްތިއުފާ ދޭން ތައްޔާރަށް" ކަމަށެވެ.

މި ދެންނެވީ އެހާރުގެ ވާހަކައެވެ. އާއަހަރަކަށް ފެށިގެން ރައީސް ނަޝީދު ނިކުންނެވީ މިއީ ކާމިޔާބުގެ އަހަރުގެ ގޮތުގައި އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އުއްމީދު އާކޮށްދެމުންނެވެ.

އެ އުއްމީދުތައް ގުޅިފައިހުރީ ސީދާ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީގެ މަސައްކަތާއެވެ. ކޯނީގެ ރިޕޯޓުގައި ވަކިގޮތެއް ކަނޑަނާޅާހުރި މައްސަލަތަކަށް، ވަކިގޮތެއް ކަނޑައެޅުމުގެ މަސައްކަތް އެ ރިޕޯޓު ދިރާސާކުރާ ކޮމިޓީން ކުރަމުންދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއިވެސް އެކުގައެވެ. އެ ކޮމިޓީން ހޭބޯނާރާ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމާލަން ހިފާފައިވާއިރު އިހު ނެރުނު ކޯނީގެ ރިޕޯޓްގައި އޮތް ޖަވާބު ނުލިބޭ ސުވާލަށް އެތައް އަރިމައްޗަކުން އެއް ޖަވާބެއް ފެންމަތި ކުރުވާތަން މިހާރުވެސް ފެންނަމުން އެބަދެއެވެ.

ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރައީސް ވަޙީދުގެ އިތުބާރުނެތްކަމުގެ މައްސަލަވަނީ މަޖިލީހަށްވައްދާފައެވެ. މިދެންނެވީ މަޖިލީހުގެ ތަޅުމުން 52 މެންބަރުންގެ އާބަސް އެކަމަށް ބޭނުންވާނޭ ކަމެއްގެ ވާހަކައެވެ. ސިޔާސީ މަސްރަހު މިވަގުތަށް އޮތްގޮތުން މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. މިސަބަބާހުރެ ކޯނީ ރިޕޯރޓް ދިރާސާކުރާ ކޮމިޓީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ފަސޭހަ މަގަކުން ރައީސް ވަޙީދު މަޤާމުން ދުރުކުރުމަށް ކުރެވޭ މަސައްކަތެއްގޮތުގައި މިކަންފެނެއެވެ. މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ނިންމުމެއް މަޖިލީހަށް ބަލައިގަތުމަށް ބޭނުންވަނީ 39 މެންބަރުން އެއްބަސްވުމެވެ. ރައީސް ނަޝީދުގެ މަޖިލީހުގެ ބައިވެރިންނަށް މީއަކީ އުނދަގޫކަމަކަށް ނުވާނެއެވެ. އެހެނަސް މަޖިލީހުގެ ތަޅުން މިއަހަރު އެންމެ ހޫނުވެގެންދާނެ އެއް ދުވަސްކަމުގައި މިދުވަސްވާނެއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމިޓީން ކޯނީގެ ރިޕޯރޓު ދިރާސާކޮށް އެކުލަވާލާ ރިޕޯޓުގައި ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލީ ބަޣާވާތަކުންކަމަށް ނިންމާ މަޖިލީހުގެ ތަޅުމުން 39 މެންބަރުންގެ ވޯޓުން ފާސްކޮށްފިނަމަ ދެންވާނެގޮތް ބައްލަވާށެވެ. މަޖިލީހުގެ ތަޅުމުން ނިންމާގޮތަކުން މެނުވީ މިނިސްޓަރަކު ވިޔަސް އަދި މިނިވަން މުއައްސަސާއެއް މެންބަރަކުވިޔަސް އައްޔަން ކުރުމުގެ ބާރެއް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ނެތުމަކީ މަޖިލީހުގެ ނިންމުންތަކުގެ ބާރު ދައްކުވައިދޭ ހެކިތަކެވެ. މަޖިލީހުގެ ތަޅުމުން ނިންމާ ނިންމުމެއްގެ މައްޗަށް އެއްވެސް ފަރާތަކުން ފާޑިކިޔުމެއް އަދި އެއްވެސް ކޯޓު މަރުހަލާއެއްގައި ވަކާލާތުކުރުމެއްނެތެވެ.

ސުވާލަކީ މަޖިލީހުގެ ތަޅުމުން ރައީސް ނަޝީދުގެ ވެރިކަން ލުއްސާލީ ބަޣާވާތަކުންކަމަށް ނިންމައިފިނަމަ ރައީސް ނަޝީދު ހުވާކުރައްވާ ސަރުކާރާ ހަވާލުވެވޭނެތޯ؟ ނުވަތަ މަޖިލީހާއި ވެރިކަން ހަވާލުކުރަން ޖެހޭނެތޯއެވެ؟ ރައީސް ވަހީދު ޤާނޫނާއި ޤަވާއީދާ އެއްގޮތްވާގޮތުގެމަތީން ހުވާކުރެއްވިނަމަ އެކުރެއްވި ހުވަޔަށްވާނީ ކިހިނެއްތޯއެވެ؟ ކޮންމެ ހާލަތެއްގައި ނަމަވެސް މުޅި ދައުލަތުގެ ހިނގުން ފާއިތުވި އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަދުވަހުގެ މެންދުރު އެއްގަޑި ފަނަރަޔާއި ހިސާބަށް ފަހަތަށް ދާންޖެހެއެވެ.

ބަޣާވާތަކުން ސަރުކާރު ލުއްސާލުމަށް ރޭވި ރޭވުމުގެ ތެރެއިން ރައީސް ނަޝީދު އިސްތިޢުފާ ދެއްވާފައިވާތީ، އެ މަނިކުފާނު އަލުން ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް އެކަން ކޮށްދެއްވަން ޖެހިވަޑައި ގަންނަވާނެއެވެ. ނަމަވެސް މިހާލަތުގައި އުއްތަމަ ފަނޑިޔާރަކަށްވެސް އަދި މަޖިލީހުގެ ރައީސްއަކަށްވެސް ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ ބޭނުންވާނެ ކަމަކަށް އަޅުގަނޑުގެ ބުއްދި ޤަބޫލެއްނުކުރެއެވެ. އެ ހިސާބުން ރައީސް ނަޝީދު ނިންމަވާ ނިންމުމަކުން ރައީސްކަމާއި ހަވާލުވުމާއި ނުވުން އެއީ އެބޭފުޅާގެ އަތްޕުޅުގައި އޮތްކަމެކެވެ.
ހަޖަމުކުރަން އުނދަގޫވެގެން މިއުޅެނީ ޤައުމުގެ މަސްރަހު ބަދަލުވެގެން ދާނެގޮތަކާއިމެދުގައެވެ. ހަމަކަށަވަރުންވެސް ޕީޕީއެމްގެ ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ ޔާމީން އަބްދުލް ގައްޔޫމާއި ރައީސް ނަޝީދަށް، މިކަމުގެ ހައްލަކަށް އާދެވިދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. މަޖިލީހުގެ ތެރެއިންނެވެ.

ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވެރިކަން ހިންގުން މަޖިލީހާއި ހަވާލުކޮށް އިސްތިއުފާ ދެއްވާ ހުރިހާ ޕާޓީތަކުންވެސް ކުރިއަށް އޮތް އިންތިހާބަށް އަވަސްވެގަތުން މާމުހިއްމެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނަމުން އައިފަދައިން އެމްޑީޕީގެ ވެރިކަން އެމީހުން އަނބުރާހޯދިއެވެ. ބަޣާވާތް ނިމުމަކަށް ގެނެވިއްޖެއެވެ. އިންތިހާބަށް ނިކުންނާނީ އަމާން މާހައުލެއްގައެވެ. ޤައުމަށް މިހިނދުން މިހިނދަށް ބޭނުންވާ އަވަސް އިންތިހާބު އެއޮތީ ފޯރުކޮށްދެވިފައެވެ.

ދަންނަވަންތޯ؟ މިއީ ބާޣާވާތެއްކަމަށް ނިންމާ ހިސާބުން މިގޮތް މާރަނގަޅެވެ. ދެން ވެރިކަމަށް އަންނަ ބަޔަކު ބަޣާވާތުގެ ބައިވެރިން ގޮވައިގެން ދައުވާކުރެވިދާނެތާއެވެ. ކޮންމެ ސިޔާސީ ޑީލަކީ ވަގުތީ ހައްލެކެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރާއިރު ގޮޑުދޮށްތައް ތަޣައްޔަރުވެފައި

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. އާދެ ! ޖޫންމަހުގެ 5 ވަނަ ދުވަހެވެ. މިދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަން އެނގެނީ  އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންނަށް ބާވައެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑު ދިރިއުޅޭ މި މަޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވެސް މިއަދަކީ ތިމާވެށީގެ ދުވަސްކަމެއް ނޭނގެއެވެ.

އާއްމުރައްޔިތުން ކުރާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެއްޓަށް އެތައްއެތައް ގެއްލުމެއް ލިބެމުންދާކަމީ އެންމެންދަންނަ ބޮޑު ސިއްރެކެވެ. ރަށުގެ ރީތި ގޮޑުދޮށްތައް ފުރިފައިވަނީ އުކާލެވޭ ނެޕީތަކުންނާއި ، ބާފޮތިތަކާއި ކެއްކުމަށް ބޭނުންކޮށްފައިހުންނަ ހުސްމަސްދަޅުތަކާއި، ޓޮމާޓޯ ދަޅުތަކާއި އަދި އެހެނިހެން ތަފާތު ވައްތަރުވައްތަރުގެ ދަޅުތަކުންނެވެ.

ރަށުގެ ބޮޑުބައެއް އަވަސް ސްޕީޑްގައި އެންމެންގެ ލޯމަތީގައި ގިރަމުންދަނީ ރަށުގެ ގޮޑުދޮށުން އެއްވެސް ބެލުމެއްނެތި ވެލި ނެގުމުންކަން އެންމެންވެސް ދަނެއެވެ. ހަމަ މިއާއިއެކު ޖައްވު ހޫނުވަނީ ބޮޑަތި ބިޔަގަސްތައް ކެނޑުމުންކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅޭނެއެވެ.

ނަމަވެސް ހިތާމައަކީ މިިއިން ކަމަކަށް އަޅާލާނެ މިފަދަ ކަންތައްތައް މީހުންގެ ސަމާލްކަމަށް ގެންނާނެފަރާތެއް ، ޒިންމާ އުފުލާނެ ފަރާތެއް ނެތްކަމެވެ.

އަޅުގަނޑުގެ ނަޒަރުގައި ތިމާވެށީގެ ދުވަހެއް ކުލަގަދަ ގޮތެއްގައި ފާހަނގަ ކުރުމުގެ ބަދަލްގައި ދުރާލާ ތައްޔާރުވެ މީހުން ހޭލުންތެރި ކުރުވާ، ތިމާވެށީގެ ގޮތުން ރަށަށް ދިމާވެފައާ ކަންތައްތަކުގެ ތެރެއިން ހައްލުކުރެވެން ހުރި ކަންތައްތައް ހައްލުކުރުމަށް މި ދުވަސް ރަށުފެންވަރުގައި ފާހަގަކުރުން މާ އައުލާކަންބޮޑުވެފައި މުޖުތަމަޢުއަށް ލިބޭކުރިއެރުން މާ ބޮޑުވާނެއެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް އަބަދުވެސް އިވެނީ ” ތިމާވެއްޓޭ ” ކިޔާއަޑެވެ. ތިމާވެށީގެ ގޮތުން ހުރި ގޮންޖެހުންތަކަށް މާބޮޑު ހައްލެއް އަންނަތަނެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި މިއަދު ވާންވީ ތިމާވެށީގެ ގޮތުން ވާހަކަދެކެވޭ ، ތިމާވެށީގެ ކަންތައްތަކުގެ ތެރެއިން ހައްލު ގެނެވޭ ޒާތުގެ ކަންތައްތަކަށް ހައްލު ގެނެވޭ ދުވަހަކަށެވެ.

މިއަދަކީ ހަމައެކަނި ރަށުގެ ހޭޅިފަށުގައި އިންދާލެވޭ ގަހަކުން ނުވަތަ އިންދާލެވޭ ރުކަކުށް ނުވަތަ ރަށުގެ ބަނދަރު ސަަރަޙައްދު ސާފުކޮށްލާ ސާފުކުރުމަކުން ނިންމާލެވޭ ދުވަހަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންގެ މުތަމަޢުތަކަށް ތިމާވެށީގެ ގޮތުން ގޮތުން ދިމާވެފައިވާ މައްސަލަތައް މިއަށްވުރެ ގިނަވެފައި ނާޒުކެވެ.

ހަމަޔަޤީނުންވެސް ކަމާބެހޭ ފަރާތުން ކުޑަނަމަވެސް ބާރެއް އަޅާލައިފިނަމަ ރަށުގެ ގޮޑުދޮށްތަކުން ފެންނަމުން މިދާ ނެޕީ ތަކާއި ބާފޮތިތަކާއި ، މަސްދަޅުތަކާއި ޓޮމާޓޯ ދަނޅުތަކުން އަޅުގަނޑުމެންގެ މިރީތި ގޮޑުދޮށްތައް ސަލާމަތް ކުރެވޭނެއެވެ.

ލިޔުން ނެގީ: ލަންދޫ އިންފޯ އިން

ލ.އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި “ބޮޑެ ބޯޅަޔާ ކަޕް 2013″ ގެ ނަމުގައި ބޭއްވި ފުޓްބޯޅަ މުބާރާތް ނިމިއްޖެ

ލ.އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި “ބޮޑެ ބޯޅަޔާ ކަޕް 2013″ ގެ ނަމުގައި މިމަހު 07 ވަނަ ދުވަހު ފެށި ފުޓްބޯޅަ މުބާރާތް ނިމިއްޖެއެވެ.

އެފްއޭއެމް އެވޯޑްސް: މޮޅު ކުޅުންތެރިއާގެ މަގާމު އުމެއިރަށް

މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އުމެއިރު (މ) އާއި ދެވަނަ ދަގަނޑޭ (ވ) އަދި ތިން ވަނަ އައްމަޑޭ. - ހަވީރު ފޮޓޯ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު މުހައްމަދު އުމެއިރަށް މިރޭ ލިބިއްޖެ އެވެ.

މާހެފުން ތައްޔާރުކުރުމާއި މާހެފުން އޮޑި އެޅުން އަދި މާހެފުންދުވަސް ފާހަގަކުރުން

މާހެފުން ދުވަހަށް އަޅާ މާހެފުން އޮޑީގައި މާހެފުން ހެދިކާއަށް ކުރުނބާ ވިއްކަނީ - ފޮޓޯ: އެލްއޭ ނިއުސް
"ދުވަސްވަރަކީ1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަގެއަކީ ފަސްބުރިއަށް ނަގާފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދާފައި ހުއްޓެވެ. އެދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.

މާހެފުންދުވަހާއި ދިމާކޮށް މިގޭ ކޮންމެވެސް ކުއްޖެއްގެ އުފަންދުވަސް އަންނަނީކަމަށް ހީކޮށް ހުއްޓާ އިވިގެން ދިޔައީ މާހެފުމަކަށް ތައްޔާރުކުރަން އުޅޭ ވާހަކައެވެ. ބަދިގެ ތެރޭގައި ކައްކަމުން ދިޔައީ ކުކުޅާއި ޕާސްތާފަދަ ޒަމާނީ ކެއުންތަކެވެ. ދެންހުރީ ހެދިކާއާއި ކަދުރެވެ. ކާން ހުރިއެއްޗެއްސާއި ކުރާން މިއުޅޭ ކަންތަކާއި އަޅާކިޔާލުމުން އަހަންނަށް ވިސްނުނު އެކައްޗެއްވެސް ނެތެވެ. މާހެފުން ދުވަހަށް މިހުރިހައި އެއްޗެއް ތައްޔާރުކުރާކަމެއް މީގެ ކުރިން ނުދެނެހުރީމެވެ."

މަތީގައި ދަންނަވާލެވުލު ޙާދިސާގައި ބަޔާންކޮށްފައިއެވަނީ މާލޭ މީހުން މާހެފުން ދުވަސް ފާހަގަކުރާގޮތް އަޅުގަނޑަށް ފުރަތަމަ ތަޖްރިބާކުރެވުނު ދުވަހުގެ ކުޑަ ތަންކޮޅެކެވެ. މިހާރު ރަށްފުށުގައިވެސް މާހެފުން ދުވަސް ފާހަގަކޮށް އުޅެނީ މިދެންނެވިފަދަ ގޮތަށްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ނަމަވެސް ނުވަދިހައިގެ އަހަރުތަކުގެ ކުރިން ރަށްފުށުގައި މާހެފުން ފާހަގަކޮށް އުޅުނީ މިގޮތަށް ބާވައެވެ؟ މި ސުވާލު އަޅުގަނޑު މިކޮށްލީ ޖަވާބުވެސް އެނގިހުރެއެވެ. އެހެނީ އޭރު، މާހެފުން ދުވަސް ފާހަގަކުރަނީ މިހާރު މިފެންނަ ގޮތަކަށް ނޫނެވެ. މިހާރު މިފެންނަގޮތަށްވުރެން މާމަޖާ، ދިވެހިވަންތަ، ދިވެހިންގެ ޘަޤާފަތާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކައިދޭ ގޮތަކަށެވެ. މިހާރަށްވުރެން އެކުވެރިކަން ބަދަހިކޮށްދޭ ގޮތަކަށެވެ. މިގޮތްތައް ހަމަގައިމުވެސް އަޅުގަނޑާއި އެއް ޢުމުރުގެ މީހުން ހަނދާން ހުންނާނެއެވެ.
މާހެފުން ހެދުން – ފުރަތަމަ ދުވަސް
މާހެފުންދުހަށް އޭރު ތައްޔާރުވާގޮތް ކިޔުންތެރިންނާއި ހަމައަށް ތިލަކޮށްލެވޭތޯ މިހިސާބުން ބަލާލާނަމެވެ. އޭރު މާހެފުން ދުވަހަށް ތައްޔާރުވާން ފަށަނީ މާހެފުން ދުވަހުގެ ހަފްތާތަކެއް ކުރިންނެވެ. ހަނޑޫ އަވީގައިލާ ހަނޑޫ މާއެރުވުން އޮންނާނެއެވެ. އޭރު ހުންނާނީ ދިޔާހަކުގެނެސް ފުޅިފުޅީގައި ރައްކާކުރެވިފައެވެ. ހަނޑޫ މާއެރުވުމަށްފަހު ދިޔާހަކުރު އޮލަކޮށް ކައްކައި މާއެރުވި ހަނޑޫ އެއަށް އަޅައި ހަކުރުލީބަތް ތައްޔާރުކޮށް ބޮނޑިބަތްގުޅަ ވަށާވަރަށް ނުވަތަ ހޮޓާތަކުގައި މިހުންނަ ބޮޑުގުޅަ ހުންނަވަރަށް ގުޅަވަށައި ޑަބިޔާތަކަށް އަޅައި ރައްކާކުރާނެއެވެ. ހަމަ އެހެންމެ ހިތްތަލަފުށުން ހަދާފައިހުންނަ ވައިފޮޅީގައިވެސް ހަކުރުލާފައި މިގޮތަށް ބަހައްޓާފައި ހުންނާނެއެވެ. މިއީ މާހެފުން ދުވަހަށް ތައްޔާރުކުރާ ހެދިކާ ނުވަތަ މާހެފުން ތަކުގެ ތެރެއިން ދުރާލާ ތައްޔާރުކުރާ ދެބާވަތެވެ. މިކަމަކީ އަންހެންވެރިން ބައި ހަދާލާފައި ވަރަށް ފޯރިއާއިއެކު ކުރަމުން އައި ކަމެކެވެ.

މަތީގައި ދަންނަވައިލެވުނު ކަންކަން އަންހެންވެރިން ކުރަމުން ދާއިރު ފިރިހެންވެރިންނާއި ފިރިހެންކުދީން އަތްއުރާލައިގެން ތިބެނީއަކީ ނޫން އިނގޭތޯއެވެ. މާހެފުންދުވަހަށް ތައްޔާރުކުރާ ޚާއްޞަ އޮޑިއެއް ކަމަށްވާ "މާހެފުން އޮޑި" ތައްޔާރުކުރުމުގައި މިވެރިން މަސައްކަތް ފަށައިގެން އޭރު އުޅޭނެއެވެ. އަވައްޓެރި ގޭގޭގެ އަންހެންވެރިން ބައިހަދާފައި ހެދިކާހެދުމުގައި ޢަމަލުކުރާ ބީދައިން ފިރިހެންވެރިންވެސް ކުދިވެރިންގޮވައިގެން ބައިހަދާފައި ކޮންމެވެސް އެއްގެއެއްގެ ގޯތިތެރޭގައި ނުވަތަ ގޯތީގެ ބިއްދޮށްފަރާތުގައި އޮންނަ ވަލުތެރެއާއި ގޯތީގެ އިންފާރު ވަކިވާހިސާބު (ފުޅަފުން ބޭރު ނުވަތަ ފޮނަދޫ މީހުން ކިޔާގޮތުންނަމަ ފޮޅަށްދަށުގައި) ގައި މާހެފުން އޮޑިއެއް އެޅުމާއިގެން އުޅޭނެއެވެ. މިތާގައި އޮޑިއެއް ބަންނަ ވާހަކަ ނުދައްކައި އޮޑިއެއް އަޅާ ވާހަކަ ދައްކަނީ ކީއްވެގެންކަން ތަންކޮޅެއް ފަހުން އެނގިގެން ދާނެއެވެ. މިދެންނެވިހެން ގޭގޭގައި އޮޑި އެޅުމުގެ އިތުރުން ނޫކަށިފުރައިގެ ޒުވާނުން ނުވަތަ ޓީންއޭޖް ކުދިން އޮޑިއެއް އެޅުމުގެ މަސައްކަތް ކުރަމުންގެންދާނީ މޫދުތެރޭގައެވެ. އަދި މިގޮތަށް އަޅާ އޮޑިއަކީ ރަށުގައި އަޅާ އެންމެ ބޮޑު އޮޑިޔައަށް ހެދުމަށް ވަރަށް މަސައްކަތް ކުރާނެއެވެ. މިކަމުގެ ބޭނުމަކީ އޮޑިބަލަން އަންނަމީހުނާއި އޮޑިއަށް އަރަން އަންނަ މީހުން އިތުރު ކުރުމަށެވެ. މިގޮތަށް ހެދުމުން އޮޑިންކުރެވޭ "ވިޔަފާރި" ރަނގަޅުވެސް ވާނެތީއެވެ. މިތާނގައި ވިޔަފާރިއެއްގެ ވާހަކަ އައި ސަބަބުވެސް މިލިޔުން ވިދާޅުވަމުން ދާވަރަކަށް ދޭހަވަމުން ދާނެއެވެ. ތިރީގައި މިބަޔާން ކޮށްލަނީ މާހެފުން އޮޑި އަޅާއުޅުނުގޮތުގެ ޚުލާޞާއެކެވެ.

މާހެފުން އޮޑި އެޅުން
މިއީ މޫދުގައި މާހެފުންއޮޑި އެޅުމަށް ނޫކަށިފުރައިގެ ޒުވާނުން މަސައްކަތްކުރާގޮތެވެ. އަޅުގަނޑުމެންވެސް މިގޮތަށް ތިން ހަތަރު އަހަރު މާހެފުން އޮޑި އެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ ތަޖްރިބާތަކެއް ލިބިފައި ވާނެއެވެ.

މާހެފުންއޮޑި އެޅުމަށްޓަކައި މާހެފުން ދުވަހުގެ ގާތްގަނޑަކަށް މަސްދުވަސްކުރިން އޮޑިއެޅުމަށްޓަކައި އެއްޗެހިކަނޑަން ވަލަށް ދާނެއެވެ. ވަލަށްގޮސް ވަރުގަދަ ގަސްގަހުން މުޑިއަށް ވާކަހަލަ ދަނޑި ކަނޑާންޖެހެއެވެ. މިކަމަށްޓަކައި އެންމެ ރަނގަޅީ އުނިގަހާއި ދިއްގާގަހުގެ ދަނޑި ނުވަތަ މުޑިއެވެ. މީގެ އިތުރުން އޮޑީގެ އޮނިގަނޑުގެ ވަށައިގެން ޖެހުމަށްޓަކައި ތަންކޮޅެއް ތަތް ލަކުޑި ހުންނަ ގަސްގަހުން ދަނޑިކަނޑަން ޖެހެއެވެ. މިކަމަށް ދިއްގާގަހުގެ ދަނޑިއަކީ ވަރަށް އެކަށޭނަ ދަނޑިއެކެވެ. މިގޮތަށް ދަނޑިކަނޑަނީކީ ދެތިން ހަތަރު ދަނޑިއެއް ނޫނެވެ. މިހާރު މިފެންނަ ރެޑްމެރެންޓީ ލަނކުޑި ބޮނޑީގެ ދެތިންބޮނޑިހައި މުޑި ނުވަތަ ދަނޑި ކަނޑާން ޖެހެއެވެ. މީގެން ދަނޑިއެއްގެ ދިގުމިނުގައި 15 ވަރަކަށް ފޫޓަށްވުރެން ދިގުމިން ހުންނާން ޖެހެއެވެ. އަދި ޑައިމީޓަރ ނުވަތަ ވަށަމިނުގައި ކޯލާ ދަޅެއްގެ ވަށަމިން ގާތްގަނޑަކަށް ހުންނާންޖެހެއެވެ.

މިދެންނެވި ދަނޑިތައް ނުވަތަ މުޑިތައް ކެނޑުމުގެ އިތުރުން އޮޑީގެ ދެކޮޅު ދެ މައްޔަލަށް ވަރަށް ވަރުގަދަ ދެމުޑި ކަނޑަން ޖެހެއެވެ. މިކަމަށްޓަކައި ފެންފޯއްރުކެއްގެ ފަލަމިން ހުންނަވަރުގެ އުނިގަހުގެ މުޑިއެއް ކަމުދާނެއެވެ. ނުވަތަ ކުދިކަށިކެޔޮ ގަހުގެ މައިގަސްގަނޑު ކަމުދާނެއެވެ. ކޮންމެއަކަސް މިހުރިހާއެއްޗެއް ކަނޑަމުން ދާއިރު ދިއްގާގަހުގެ ތަންކޮޅެއް ޅަކޮށްހުންނަވަރުގެ ދަނޑި، ވަކައިގެ ގޮތުގައި ކަނޑާނެއެވެ. މިވަކަ އަކީ އޮޑި އަޅާއިރު އޮޑީގެ ޕްލެޓްފޯމް (ތައްޓު) ހެދުމަށް ބޭނުންކުރާ އޮށިތައް، އޮޑީގެ އޮނިގަނޑުގެ މަތިކަނަށް އިންނަ ދަނޑިއާއިލައި ގެތުމަށް ބޭނުންކުރާ ވަކައެވެ. މިދެންނެވި ހުރިހައި އެއްޗެއް ކަނޑާ ނިމިގެން މިތަކެތި، އޮޑި އަޅަން ޚިޔާރުކޮށްފައިވާ އަތިރިމަގާއިހަމައަށް ގެންދަނީ މޫދުތެރެއިން ދަމާފައެވެ. މިއީ ދަރުބަނދެގެން ކުރީޒަމާނުގައި ދަރު ގެންދާގޮތަށް ނުވަތަ ލަކުޑި ގެންދާގޮތަށް ކުރާ ކަމެކެވެ. ކޮންމެއަކަސް ކަނޑާފައިހުރި ހުރިހާ މުޑިތަކާއި ދަނޑިތައް މީހުންއުޅޭ ހިސާބަށް ގެންގޮސް އަތިރިމަތީ ހިކިތަނަށް އަރުވާ ނިމޭއިރު އެދުވަހުގެ އަސުރުން ތިރިވެފައި ވުމުން، އެދުހަށް ކަނޑައެޅުނު މަސައްކަތް އެހިސާބުން ކޮށް ނިމުނީއެވެ.

ޖެހިގެން އަންނަދުވަހު ދިޔަވަރުހިކޭވަގުތެއް ބަލާފައި އަތިރިމަގަށް އެންމެން ޖަމާވެ، މަސައްކަތް ފައްޓާނެއެވެ. މިގޮތުން މިދުވަހުގެ މައިގަނޑު މަސައްކަތަކީ އޮޑީގެ ދެ މައްޔާ ބިމަށް ޖެހުމެވެ. ބިމަށް ޖެހުމޭ ދަންނަވާއިރު މިދަންނަވާ ބިމަކީ ބޮޑުދިޔައިގައި ދެތިން ފޫޓަށް ލޮނުގަނޑު އޮންނާނެ ހިސާބުން މޫދުގެ ހުއިގަނޑު މައްޗެވެ. މިގޮތަށް ޖަހާ ދެމުޑިއަކީ އޮޑީގެ ބިންގާ ކަމުގައިވެސް ދެންނެވިދާނެއެވެ. ދިޔަވަރު ހިކިފައި އޮންނަވަގުތު ހުއިގަނޑު މަތީގައި ފާންތިލައާއި އުދަލި ބޭނުންކޮށްގެން ދޮޅު ފޫޓާއި ދެފޫޓުގެ ފުންމިނުގައި ހުންނަ އަދި ވަށަމިނުގައި ދެ މައްޔަލަށް ކެނޑި މުޑިއަށްވުރެން ކުޑަތަންކޮޅެއް ފުޅާ ދެ ވަޅުކޮނެ ދެމުޑި ޖަހައި ނިމުމުން މައްޔާ ޖެހުނީ އެވެ. މިހިސާބުން މޫދުގައި އެދުވަހު ކުރަންހުރި މަސައްކަތް ނިމުނީއެވެ. ސަބަބަކީ މިގޮތަށް މިޖަހާ ދެމައްޔާ ރަނގަޅަށް މޫދު އަޑިން ބިމުގައި ހިފާނީ ދެތިންދުވަސް ވާންދެން ބަހައްޓާލުމުންނެވެ.
މޫދުގައި މާހެފުން އޮޑި އެޅުމުގެ މަރުޙަލާތައް ދެއްކުމަށް ކުރަހާފައިވާ ކުރެހުމެއް
ދެތިންދުވަސް ފަހުން އޮޑީގެ އޮނިގަނޑު ހެދުމަށްޓަކައި ދޯނީގެ ބައްޓަން އިންނަގޮތަށް މުޑިތަކެއް ކައިރިކައިރީގައި ޖަހަން ޖެހެއެވެ. އަދި މި މުޑިތައް ޖަހާނިމިގެން މިޖެހި މުޑިތަކުގެ ބޭރުފަރާތުން މުޑިތަކުގެ ހުރަހަށްވާގޮތަށް ހެޔޮވަރުގެ ދިއްގާ ދަނޑި އައްސައި އޮނިގަނޑު ތައްޔާރުކުރާއިރު ހުންނާނީ ކޮށިގަނޑެއްހެންނެވެ. ނަމަވެސް ބައްޓަން ހުންނާނީ އިހު ދެންނެވިފަދައިން ދޯންޏެއްގެ މަތިން ބަލައިލާއިރު ފެންނާން ހުންނަ ގޮތަށެވެ. މިގޮތަށް ވަށައިގެން އަޅާ ދަނޑިތައް، އެއް ދަނޑި އަނެއްދަނޑިއާއި ދެމެދު ފޫޓެއް ނުވަތަ ދޮޅުފޫޓެއް ހުންނަވަރަށް ބެހެއްޓުމުން ރަނގަޅުވާނެއެވެ. މިހެން ދަނޑިތައް އައްސަނީ ފަލަ ރޯނުންނެވެ. އަދި ހުރިހައި އެއްސުންތަކެއް އައްސަނީވެސް ރޯނުންނެވެ. މިގޮތަށް ދަނޑިތައް އައްސަމުންގޮސް ހެޔޮވަރުމިނެއްގެ އުސްމިނެއްގައި (ދިޔަވަރު އެންމެ ބޮޑުވެފައި އޮންނައިރު ލޮނުގަނޑާއި އެއްމެ މައްތީގައި އައްސާ ދަނޑިއާއި ދެމެދު ފޫޓެއް ހުންނަވަރަށް) މަތިކަން ދަނޑި އައްސައެވެ. މި ދަނޑިއަކީ ކުރިން އެއްސި ދަނޑިތަކަށްވުރެން ވަރުގަދަ ދަނޑިއަކަށް ވާންޖެހެއެވެ. އެހެނީ މި ދަނޑީގެ މަތީގައި ރުކުގެ ހިކިފަނުގެ އޮށި އަތުރައި އެ އޮށިތައް ވަކަބޭނުންކޮށްގެން މަގުލަސް ޖަހައި އައްސަން ޖެހެއެވެ. މިގޮތަށް އަޅާ އޮށިތައް ބަހައްޓަނީ ޖެހިފިތިފައޭ މިބުނާހާވެސް ހިންމި ހެޔޮކޮށެވެ. ކުރެހުމުގައި އެވަނީ މިހާރު މިކިޔާދެވުނު ހިސާބަށް މާހެފުން އޮޑި އަޅާފައިވާތަނެވެ. އޮށިތައް އަތުރައި ގަތާއިރު އޮޑީގެ ކޮޅުންކޮޅަށް އަޅާފައި ހުންނަ ދަނޑިތަކުގައިވެސް މަގުލަސްޖަހައި އައްސަންޖެހެއެވެ. މިކަމަށް ބޭނުކުރަނީ ދިއްގާވަކައެވެ. ކުރެހުމުގައި މި ދެންނެވި ދަނޑިތައް ހިމަނާލެވިފައި ނުވެއެވެ. މުޅި އޮނިގަނޑުގެ މަތީގައި މިގޮތަށް އޮށިތައް ގަތާލުމުން އެއޮތީ އޮޑީގެ ބަހުރުވައިންނަމަ އޮޑީގައި ތައްޓުއެޅިފައެވެ. ނުވަތަ ފްލޯއެއް އެޅިފައެވެ.

މިހިސާބަށް މަސައްކަތްދާއިރު ހިޔާގަނޑު ހެދުމަށް ބޭނުންވާނޭ ތޮށަލިވިޔެ އަވިގައިލާ ކުޑަކޮށް ހިއްކާފައި ހުންނާނެއެވެ. ނަމަވެސް އެ ތޮށަލިތައް އެތުރުމަށް އަނެއްކާވެސް ފްރޭމެއް ނުވަތަ އޮނިގަނޑެއް ހަދަން އެބަޖެހެއެވެ. މި އޮނިގަނޑަކީ ފަނުން ގެއެއް އެޅުމަށް ހަދާއުޅޭކަހަލަ އޮނިގަނޑެކެވެ. މި އޮނިގަނޑު ހަދާނިމިގެން ފުރާޅުގެ ގެހެރި ގަނޑުމަތީގައި ތޮށަލިތައް އަތުރައި ވާރޭ ހިޔާވާހާވަރަށް ތޮށަލިތައް ހެޔޮވަރުކުރަމުން ވަކައިން އަސްކޮޅުޖަހައި (މަގުލަސް ޖަހައި) ގެގަނޑު ހިޔާކުރެއެވެ. އެއަށްފަހު އޮޑީގެ ވަށައިގެން ކޮށިގަނޑެއްހެން ހަދާފައިހުންނަ އޮނިގަނޑުގައިވެސް ތޮށަލި ޖަހާނީއެވެ. މިގޮތަށް ޖަހާ ތޮޔައްޔަށް ކިޔާއުޅެނީ ބަޑި ދޮށަށްޔެވެ. މި އޮޑީގައި ހުންނާނީ ދެ ވަތެވެ. އެއީ ދިރުނބާކޮޅާއި ކޮޅުފަސްކޮޅުގައި ހަދާފައިންހުންނަ ދެވަތެވެ. ދެވަތުގައިވެސް ހުންނާނީ ފެންހެޔޮ ކުރުނބައެވެ.

މާހެފުން ދުވަސް
މާހެފުންދުވަހަކީ މޫދަށް އެރި މަޖާކޮށް މާހެފުން ކެއުމާއި ކުރުނބާ ބުއިމުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްއުޅުނު ދުވަހެކެވެ. މިހާރު މިކަންކަން ފެންނަނީ ވަރަށް މަދުންނެވެ. އެއްގޮތަކަށްވެސް މިކަންކަން ނުފެނެޔޭ ދެންނެވުންވެސް މިހާރު ދޮގަކަށް ނުވާނެއެވެ. މާހެފުން ދުވަހު ހެނދުނަކީ އަސްލު މާހެފުން ހަދާދުވަހެވެ.

މާހެފުން ހެދުން – ދެވަނަ ދުވަސް
ކުރިން ދަންނަވައިލެވުނު މާހެފުނު ހެދިކާގެ އިތުރުން ދެން ހަދާ ހެދިކާއަކީ މާހެފުނުގެ އަސްލު ޙަޤީޤި ހެދިކާއެވެ. މި ދެ މާހެފުނަށް ކިޔަނީވެސް ޚާއްސަ ދެނަމެކެވެ. އެއީ އޮނަފޮޅިއާއި ރުއްބުޑެވެ. މި ދެބާވަތް ތައްޔާރުކުރާގޮތް ތިރީގައި އެވަނީއެވެ. މި ދެބާވަތް ތައްޔާރުކުރަނީ މާހެފުން ދުވަހުއެވެ. ހެނދުނު ނުވައެއް ދިހައެއް ޖަހާއިރު ގޭގޭގެ ބަދިގެތަކަށް ބޯދިއްކޮށްލުމުން އޮނަފޮޅިއާއި ރުއްބުޑެއް ކާލަން ނުލިބޭ ގެއެއް މަދުވާނެއެވެ.

އޮނަފޮޅި: މިނަމަށް ވިސްނާލާއިރު ލާމު އަތޮޅުގެ ބަހުރުވައިގައި އޮނަ އެއީ ފަޅޯގަހުގެ ފަތުގެ އޮނު  ނުވަތަ އޮނުގަހުގެ އޮނެވެ. އޮނަފޮޅި ތައްޔާރުކުރުމަށްޓަކައި މާގިނަ ތަކެއްޗެއް ބޭނުމެއް ނުވެއެވެ. އަދި ބުރަ މަސައްކަތެއް ކުރާކަށްވެސް ނުޖެހެއެވެ. މިކަމަށް ބޭނުންވަނީ ހަނޑުލުފުށް ނުވަތަ އާދައިގެ ފުށެވެ. އަސްލު ރަހަ ނިކުންނާނީ ހަނޑުލުފުށުގައެވެ. ތައްޔާރުކުރުމަށްޓަކައި ހިމުންކޮށްފައިވާ ހަނޑުލުފުށުގެ ތެރެއަށް ކުޑަ ރީނދޫކޮޅެއްލައި ފެންފޮދެއް ޖަހައި މޮޑޭނީއެވެ. ރޮށި ފިހުމަށް މޮޑޭ ފުށްގަނޑު އޮންނަ ވަރަށް މޮޑެލައި ކުދި ކުދި ގުޅަތަކެއް ހަދައި ރޮށިދަމާހެން ދަމާނީއެވެ. އެއަށް ފަހު އޮނުކޮޅެއް ގެ ވަށައިގެން ދަމާފައޮތް ފުށްގަނޑު އޮޅާލައި ފުށްގަނޑުގެ ދެކޮޅު ތަތްކޮށްލާނީއެވެ. އެއަށް ފަހު މަޑުމަޑުން އޮނުގަނޑު ދަމައިގަތުމަށްފަހު ތެލުލާނީއެވެ. މި ތައްޔާރުކުރުމަށް ފުށްގަނޑުމޮޑޭއިރު ފުށްގަނޑަށް ލޮނާއި ތެޔޮ ނުވަތަ ބޯކިރުވިޔަސް އެއްކޮށްގެން ކަމަކުނުދާނެއެވެ.

ރުއްބުޑި:
ރުއްބުޑު ނުވަތަ ރުއްބުޑިއަކީ ރުއްކަނޑާލީމާ ރުކުގެ ބުޑުގަނޑު ހުންނަ ވައްތަރަކަށް އޭގެ ބައްޓަން ނުވަތަ ސިފަ ހުންނަ އެއްޗެކެވެ. ރުއްބުޑި ތައްޔާރުކުރުމަށްވެސް ކުރިން ބުނެވުނުފަދައިން، ނަމަވެސް ފުއްގަނޑުން "ފާދަ" ލެވޭވަރަށް (ކޭކް އައިސިން ބޭގުގެ ނޮޒުލްއިން އައިސިން ނުކުންނަ ގޮތްވާވަރަށް) އޮލަކުރަން ޖެހެއެވެ. ފުށްގަނޑު މޮޑެނިމިގެން ލޯނާއްޓެއްގެ ތެރެއަށް ފުށްގުޅައެއްލުމަށްފަހު އިނގިލިން ފިއްތައިގެން ފާދަލާގޮތަށް އެއްދިމާއަކަށް ފުށްތައް އޮއްސާނީއެވެ. އޭރުން ހުންނާނީ މިސާލުގައި ދަންނަވާލި އައިސިން ބޭގުން އައިސިންތަކެއް އެއްދިމާއަކަށް ފުންޏަކަށް ވާގޮތަށް އެޅުމުން ހުންނާނޭގޮތަށެވެ. މިގޮތަށް ތައްޔާރުކުރެވުނު ފުށްގަނޑުތައް ތެލުލުމުން އެހެރީ ރުއްބުޑި ތައްޔާރުކުރެވިފައެވެ.

މާހެފުން އޮޑިން ކުރާ ވިޔަފާރި
މާހެފުން އޮޑީގެ ކުރުނބާވަތުގައި ހުންނަ ކުރުނބާތައް އެއީ ވިއްކަން ބަހައްޓާފައިހުންނަ ކުރުނބައެވެ. މި ކުރުނބާތައް ގަތުމަށް ބޭނުންކުރާ ފައިސާފޮއްޗެއް ނުހުރެއެވެ. މިކަމަށް ބޭނުންކުރަނީ ގޭގޭގައި ތައްޔާރުކުރި މާހެފުނެވެ. ދިވެހި ކާބަފައިންގެ ޒަމާނުގައި ކޮށްއުޅުނު ބާޓާ ވިޔަފާރި ތަޖްރިބާކޮށްލަންލިބޭ ރަނގަޅު ފުރުސަތަކަށް މިކަން ވެގެން ދެއެވެ. ކުރުނބާ ގަންނަން އަންނަމީހުން އޮޑިއާއި ހަމައަށް ގެންދިއުމަށް ކުޑަބޮއްކުރައެއް ނުވަތަ ކަނދުފައްޗެއް އޮންނާނެއެވެ. އެމީހުން އޮޑިއަށްގޮސް އޮޑިއަށް އަރާ އޮޑިބަލާލުމާއި ކުރުނބާ ބޮއެނިމެންދެން މަޑުކޮށްލުމުގެ ފުރުޞަތުލިބިގެންދެއެވެ. ކުރުނބާގެ އަގުތައް ކަނޑައަޅަނީ ހަކުރުލީ ބަތް ގުޅައަކަށް ކުރުނބައެއް ނުވަތަ އޮނަފޮޅިއަކާއި ރުއްބުޑަކަށް ކުރުނބައެއްފަދަ އަގުތަކެއްގައެވެ.
މާހެފުން ދުވަސް ގިނަފަހަރަށް ދިމާވަނީ ދިޔަވަރު ބޮޑުވާ މޫސުމުގެ އެންމެ ދިޔަވަރު ބޮޑު ދުވަހާއެވެ. އަދި ހަމަ އެހެންމެ މިދުވަހަކީ ރަށުގެ ކުދިބޮޑު އެންމެން މޫދަށްއެރި މަޖާކުރާ ދުވަހެކެވެ. މަޖާކުރުމުގެ ތެރޭގައި ފެންބޮވައިގަތުމުން މާހެފުން އޮޑިން ކުރުނބާ ބޮއެ ހަދައެވެ. މުޅި ދުވަހު ގިނަވަގުތެއް މިގޮތުގައި މޫދުގައި ހޭދަކޮށްލެވެއެވެ.

ދަންނަވައިލެވުނީ ތަންކޮޅެއްކުރިން ފޮނަދޫގައި މާހެފުން ދުވަސް ފާހަގަކުރާއިރު ކޮށްއުޅުނު ބައެއް ކަންކަމުގެ ޚުލާޞާއެކެވެ. މިއީ ހަމަގައިމުވެސް ފޮނަދޫގައި ދާދި އިހަކަށްދުވަހާއި ޖެހެންދެން ކޮށް އުޅު ކަންކަމެވެ. މިއީ ދިވެހިންގެ ރިވެތި އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ނޫނީ ނުވާނެކަން ކަށަވަރު ކަމެކެވެ. އެހަނަސް މިހާރު މިކަންވެސް އުވެމުން ނެތެމުން މިހިރަ ދަނީއެވެ.
(ނިމުނީ)

ރާއްޖެއަށް ފުރަތަމަ ބައިނަލްއަގުވާމީ ގޯލެއް ޖަހައިދިން ކުޅުންތެރިޔާ ނިޔާވެއްޖެ

ރާއްޖެއަށް ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ގޯލް ޖަހައިދިން އަބްދުއް ރަޝީދު (ޖުލޭ) މީގެ އިރުކޮޅެއް ކުރިން އިންޑިއާގެ ޓްރެވެންޑްރަމްގައި ނިޔާވެއްޖެ އެވެ.

ރާއްޖެއަށް ބައިނަލްއަގުވާމީ ފުރަތަމަ ގޯލް ޖުލޭ ޖަހައިދީފައިވަނީ 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑްސްގެ ރީޔޫނިއަން ކޮޅަށެވެ.

އުމުރުން 57 އަހަރުގެ ޖުލޭ ނިޔާވެފައިވަނީ އިންޑިއާގައި ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ގެންދަނިކޮށެވެ.

ޖޫލޭ އަކީ ވިކްޓަރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު އެ ޓީމުގެ ކެޕްޓަނެވެ. މޮޅު ޑިފެންޑަރެއްގެ ގޮތުގައި ފާހަގަކުރެވުނު ޖޫލޭ ވަނީ އެ ތާރީހީ ކާމިޔާބަށް ފަހު ކުޅުން ހުއްޓާލާފަ އެވެ. އޭގެ ފަހުން ވެސް އެ ކްލަބުގެ އޮފިޝަލެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ.

ޖޫލޭ ގިނަ ބަޔަކު ފާހަގަކުރަނީ ގައުމީ ޓީމުގެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. ތާރީހީ އެ ލަނޑު ޖޫލޭ ޖެހީ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކޮމޮރޯސް ކޮޅަށެވެ.

ޖޫލޭ ފުޓްބޯޅައިގައި އެންމެ ފަހުން ހަރަކާތްތެރިވީ 2009 ވަނަ އަހަރު ގައުމީ ޓީމުގެ އޮފިޝަލެއްގެ ގޮތުގަ އެވެ. މީގެ އިތުރުން 2009 ވަނަ އަހަރު ދުނިޔޭގެ ސުލްހައިގެ ދުވަސް ފާހަގަކުރުމަށް ކުރީގެ ކުޅުންތެރިންގެ ހާއްސަ ފުޓްބޯޅަ މެޗުގައި ކުޅުނެވެ.

ރައްޔިތުންގެ ފައިސާ ހުރެ ކައުންސިލުން ރައްޔިތުންނަށް ކަމެއް ކޮށްނުދެވުމަކީ ލަދުގަންނަންޖެހޭ ކަމެއް – މާވަށު ކައުންސިލަރެއް

މާވަށު ކައުންސިލަރުން
ކައުންސިލް އިންތިޚާބު ވުމަށް ފަހު މާވަށު ރައްޔިތުންގެ ފައިސާގެ ގޮތުގައި ހުރި ދެމިލިޔަނެއްހައި ރުފިޔާ ކައުންސިލަށް ލިބިފައިހުރެމެ ރައްޔިތުންނަށް ކަމެއް ކޮށްދެވިފައި ނުވާކަމީ ކައުންސިލަރެއްގެ ހައިސިއްޔަތުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ނަން ހާމަކުރުމަށް ނޭދޭ މާވަށު ކައުންސިލް މެންބަރެއް ބުނެފިއެވެ.

މާވަށު ބައެއް ރައްޔިތުން ކައުންސިލްގެ މަސައްކަތާއި މެދު ސުވާލު އުފައްދައި ސޯޝަލް މީޑިއާ ތަކާއި ހޮޅުއަށި ތަކުގައި ފާޑުކިޔަމުން ދާ ދިއުމާއި މެދު މާވަށު ކައުންސިލަރެއްގެ ހައިސިއްޔަތުން އެކަމާއި މެދު ދެކިލައްވާ ގޮތް ހާމަކުރައްވަމުން އެ ކައުންސިލް މެންބަރު ވިދާޅުވީ ކައުންސިލުން ރަށާއި ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގައި ބަލަންޖެހޭނީ ސަރުކާރުން ދެއްވާ އެއްޗަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބުނަމުން މިދަނީ މީ ރައްޔިތުން އަޅުގަނޑުމެންނާއި ހަވާލުކުރި އިރުގަ (ކައުންސިލަރުކަން) ރައްޔިތުން އަތުގަ ހުރި ގާތްގަނޑަކަށް ދެމިލިޔަނެއްހާ ރުފިޔާ. އެ ފައިސާ ހުރެ ކައުންސިލުން ރައްޔިތުނަށްޓަކައި ކަންތައް ތަކެއް ނުކޮށްދެވުން އެއީ ކައުންސިލަރެއްގެ ހައިސިއްޔަތުން ލަދުގަންނަން ޖެހޭ ކަމެއް." ކައުންސިލް މެންބަރު ވިދާޅުވިއެވެ.

މާވަށު ބައެއް ރައްޔިތުން ތުހުމަތު ކުރާގޮތުން ކައުންސިލް އިންތިޚާބް ވެގެން އައިއިރު ރާއްޖޭގައި އޮތީ ކައުންސިލުން ޤަބޫލު ނުކުރާ ނުވަތަ ކައުންސިލް މެންބަރުން ނުރުހޭ ސަރުކާރެއްކަމުން ޤަސްދުގައި އެ ސަރުކާރު (އެމްޑީޕީގެ ސަރުކާރު) ބަދުނާމު ކުރުމަށް ރަށުގެ ތަރައްޤީ އާއި ރައްޔިތުންނަށް ކަމެއް ކޮށްނުދީ ތިބީ ކަމަށެވެ.

"2010 އަދި 2011 ނިމިގެން ދިޔައިރުވެސް ރަށަށް އެއްވެސް ކުރިއެރުމެއް ހޯދާކަށް ކައުންސިލުން ހިތަށްވެސް ނާރުވާ. 2012 ފެބްރުއަރީގައި ނަޝީދު ވެރިކަމާ ދުރުވެ ވަހީދު އެރި ހިސާބުން ފެށިގެން މާގިނަ ދުވަހެއް ނުވެ ކަމާ ކަންފަށާ ރައްޔިތުންގެ ބަޖެޓުން ރަށުގެ އެއްވެސް ރައްޔިތަކަށް އަންގާލުމެއް ނެތި އެ ފައިސާ ޚަރަދުކޮށްގެން ވަނީ ޕްރީ ސްކޫލެއް އަޅާފަ." މާވަށު ކައުންސިލުން ޤަސްދުގައި ރަށު ތަރައްޤީއަށް އޭރު ކަމެއް ކޮށްނުދީ ތިބިކަމަށް ބުނެ ތުހުމަތުކުރާ އެ ރަށު ޒުވާނަކު ބުނެފައިވަނީ މިހެންނެވެ. މިކަމާ މެދު މާވަށުން ކައުންސިލުން އެލްއޭ ނިއުސްއާއި ވާހަކަދެއްކެވި ކައުންސިލަރު ވިދާޅުވީ ރައްޔިތުން ކައިރީގައި ސީދާގޮތެއްގައި އެ ފައިސާ ޚަރަދުކުރަން އަހާފައި ނުވާކަމަށެވެ.

"ރައްޔިތުން ކައިިރީގަ ސީދާ ގޮތެއްގަ ނުވެއް އަހާ މީގަ ރައްޔިތުންގެ ފައިސާއިންނޭ ޕްރީ ސްކޫލް ހަދަނީ. ރައްޔިތުންގެ ޕްރީ ސްކޫލް ހަދާ ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފަ ވަނީ. އެވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވުނު. އޭގަ ރައްޔިތުންނާ ބައްދަލުކުރި ދުވަހު ފަންޑު ހޯދައިގެން އެކަން ކުރާވާހަކަ ދެއްކީ." ކައުންސިލް މެންބަރު ވިދާޅުވީ އެ ފައިސާ އެޖެސްޓްކޮށް ނިމިފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ޖަމާކޮށްދޭނެ ކަމަށެވެ.

 ކައުންސިލް މެންބަރު މިހެން ވިދާޅުވި ނަމަވެސް މާވަށު ބައެއް ރައްޔިތުން ބުނަނީ ރައްޔިތު މީހާއަށް އެކަންކަން ނޭންގުމުގެ އެންމެ ބޮޑު ސިއްރަކީ ރައީސް ނަޝީދުގެ ސަރުކާރުގައި މާވަށަށް އެއްވެސް ކަމެއް ނުވެ، މިހާރު ރައީސް ކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކުގެ ވެރިކަމަށް އަރާ އެރަށުގައި ޕްރީ ސްކޫލެއް އަޅައިދެއްވިކަމަށް ބުނެ އެކަން އެގޮތަށް ދެއްކުމަށް ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް މަކަރާއި ޙީލަތް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

"ރަށު ރައްޔިތުން ކައިރީ މިއީ މިހާރު މިއޮތް ވަހީދު ސަރުކާރު ޙަވާލުވެ އެ ސަރުކާރުން ކޮށްދެއްވި ކަމެކޭވެސް އެބަހުރި ބުނެ ވާހަކަ ދައްކާފަ." މާވަށު ކައުންސިލަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން އެރަށު ރައްޔިތަކު ބުންޏެވެ.

މިކަމާ ގުޅިގެން މާވަށު ކައުންސިލް މެންބަރު ވިދާޅުވީ އޭރުވެސް ފައިސާ ހުރި ކަމަށާއި ނަމަވެސް އޭރު މަސައްކަތްކުރީ ކައުންސިލްގެ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ.

"މީގެ އިތުރުން 2013 ފެށުނުފަހުން ސޯޝަލް މީޑިއާ ފޭސްބްކްގައި މާވަށު މީހުން ދުވަހަކުވެސް ނުދެކޭހާ ބޮޑެތި ތަރައްޤީ ރަަށަށް (މާވަށަށް) ލިބިގެންދާނެ އަހަރެއް ކަމަށް ބުނެ ލިޔަން ފެށި."

މާވަށު ކައުންސިލްގެ މަސައްކަތާއި މެދު ސުވާލު އުފައްދާ ފަރާތްތަކުން ކައުންސިލް މެންބަރުންނަށް އަމާޒުކުރާ ސުވާލަކީ ވޭތުވެދިޔަ ތިން އަހަރު ކޮބައިތޯއެވެ؟ ހަމަ ޕްލޭން ކުރެއްވީތޯއެވެ؟

"ރައީސް ނަޝީދުގެ ސަރުކާރު އޮތް އިރު އެމީހުން ބުނަމުން ދިޔައީ މާވަށު ބަޖެޓްގަ ރަށަށް ޚަރަދުކުރަން އެންމެ ފައިސާ ފޮއްޗެއްވެސް ނެތޭ. މާވަށަށް ރައީސް ނަޝީދު ސަރުކާރުގަ އެއްވެސް ކަމެއް ނުކޮށްދެޔޭ." ކައުންސިލަރުން ސިޔާސީ ގޭމު ޖައްސާކަމަށް ތުހުމަތު ކުރަމުންދާ އެރަށު ރައްޔިތުންގެ ވާހަކަ ހުރީ މިހެންނެވެ.

މާވަށު ރައްޔިތުންނާއި ކަންކަން ހިއްސާ ނުކުރާ ވާހަކަ އެރަށު ރައްޔިތުން ދައްކަމުންދާއިރު އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެއްވި ކައުންސިލް މެންބަރުވެސް ވަނީ ކައުންސިލުން ނިންމާ ކަންތައްތައް ހިއްސާކުރަންޖެހޭ ގޮތަށް ރައްޔިތުންނާއި ހިއްސާ ނުކުރާކަމަށް އެއްބަސްވެފައެވެ.

"ތިކަލަ ގޮތެއް ނެތް. އަޅުގަނޑު އަބަދުވެސް މި ފާހަގަ ކުރަމުންދަނީ ކައުންސިލް ހިނގަމުންދަނީ ކައުންސިލެއް ހިނގަމުންދާ ކަހަލަ އުޞޫލަކުން ނޫނޭ. މީ އަޅުގަނޑުމެން ދެ އަހަރު މިވީ ޕްލޭނެއް ނެތި މަސައްކަތް ކުރާތާ. ކައުންސިލްގެ ޕްލޭނެއްނެތި. ނަސީބު ދިމާކުރި ގޮތުން މިއަހަރު ކައުންސިލްގެ ޕްލޭނެއްގެ ދަށުން މި މަސައްކަތް ކުރަނީ." ކައުންސިލް ހިނގަމުންދާ ގޮތާއި މެދު ހިތްހަމަޖެހިނުލައްވާ ކަމަށް މާވަށު ކައުންސިލް މެންބަރު ވިދާޅުވާ އިރު ރަށު ތަރައްޤީގެ ޕްލޭނެއް ހަދައި އެ ޕްލޭންވެސް ރައްޔިތުންނާއި ހިއްސާކޮށްފައި ނުވާކަމަށްވެސް އެ ކައުންސިލް މެންބަރު މަޢުލޫމާތު ދެއްވިއެވެ.

މާވަށުގެ ކަރަންޓްގެ ޙާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއި އެރަށުގެ ތިލަވަމުން އަންނަ ބަނދަރުގެ މަސައްކަތް ފަށާފާނެ ކަމުގެ ކޮޅުމަތި ފެނި އެކަން ނުފެށި ލަސްވަމުން އަންނާތީވެސް ރައްޔިތުން ތިބީ މާޔޫސް ކަމެއްގެ ތެރޭގައެވެ. ކައުންސިލް މެންބަރު މާވަށުގެ ބަނދަރު މަސައްކަތާއި މެދު ވިދާޅުވީ ބަނދަރު ހެދުމުގެ ކަންތަކަށް ވެފައި އޮތީ ކިހިނެތްކަމެއް އަދި ވަނީ ކައުންސިލަށްވެސް ސާފުނުވެ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް ހިންގުމާއި ޙަވާލުވެފައިވާ އަމީން ކޮންސްޓަރަކްޝަން އާއި ހައުންސިން މިނިސްޓްރީއާއި ދޭތެރޭގައި ކޮންމެވެސް ކަހަލަ މައްސަލަ ތަކެއް އުޅޭކަމަށް މަޢުލޫމާތެއް ލިބިފައި ވާކަމަށެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަރައްޤީގެ ދުވެލި

ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 30 އަހަރު ފުރުމުގެ މުނާސަބާ މިއަދު (7 މެއި 2013 ގައި) ފާހަގަ ކުރަމުން އަންނަ އިރު ތަނަށްވަނީ ގިނަގުނަ ތަރައްޤީއާއި ކުރިއެރުން ލިބިފައެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރުވެފައިވަނީ ތަނަށް ވަޞީލަތްތައް އިތުރުވަމުން އަންނަ އަހަރަކަށެވެ. މި ލިޔުމުގައި މި ބަލައިލަނީ މަރުކަޒުގެ ތަރައްޤީގެ ދުވެލީގެ މައްޗަށެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ކޮމިއުނިޓީ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވާ ސްކޫލެކެވެ. ސްކޫލްގެ ބިންގާ އަޅާފައިވަނީ 1980 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުއެވެ. ހިޖްރީ ސަނަތުން 1400 ވަނަ އަހަރު ޛުލްޙިއްޖާ މަހުގެ 11 ވަނައަށްވީ ހޯމަދު ދުވަހުއެވެ. ބިންގާ އަޅުއްވައިދެއްވީ އޭރު ހައްދުންމަތީގެ އަތޮޅުވެރިއަކަށް ހުންނެވި އަލްފާޟިލް އިސްމާޢީލް މުޙައްމަދު (ޖަންބު ދޮން އިސްމާޢީލް) އެވެ.

ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްފަހު ދިމާވި ދަތިތަކެއްގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސް ދުވަސްތަކަކަށް މަޑުޖެހޭގޮތްވިއެވެ. މިކަމުގެ ހައްލެއް ހޯއްދެވުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ ފޮނުއްވިއެވެ. ލުޠުފީ ފޮނަދުއަށް ދުރުވެ ވެރިންގެ މަޝްވަރާއާއި އެކު ފޮނަދޫގައި ތިބި އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންނާ ވާހަކަދައްކާ ކަން އޮތްގޮތް އޮޅުންފިލުވައިދެއްވާ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސެވިއެވެ.

ސްކޫލް އިމާރާތްކޮށް ނިމި 1983 ވަނަ އަހަރު މޭމަހުގެ 7 ވަނަ ދުވަހު ސްކޫލް ހުޅުވައިދެއްވީ އޭރުގެ ތަޢުލީމީ ވަޒީރު އޮނަރަބަލް އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިންއެވެ. ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ކިޔަވާކުދިންގެ ގޮތުގައި ޖުމުލަ ތިބީ 278 ދަރިވަރުންނެވެ. އޭގެތެރެއިން 79 ދަރިވަރުންނަކީ ލ. އަތޮޅު ފޮނަދޫ ފިޔަވައި އެހެން ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ. މަރުކަޒު ހުޅުވި ކިޔަވައިދޭން ފެށުނުއިރު ކިޔވައިދިނުމުގެ މަސައްކަތާއި އިދާރީ މަސައްކަތް ކުރެއްވުމަށް ތިއްބެވީ އެންމެ 6 ބޭފުޅުންނެވެ. މި ހަ ބޭފުޅުންގެ ތެރެއިން ވެރިއެއްގެ ގޮތުގައި ހުންނެވީ މިހާރު މާވަސު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑީގައި އިންނެވި ލ. މާވަށު ދުންފިނިގޭ ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރެވެ.

ފުރަތަމަ ކިޔަވައިދޭން ފެށުނު އިރު ރަސްމީ ކުލާސްތައް ހަމަޖައްސާފައިވަނީ ގްރޭޑް 3 އާއި ހަމައަށެވެ. ރަސްމީކޮށް ތާވަލް ކުރެވިގެން އޭރު ކިޔަވައިދެނީ ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު އަދި ތިމާވެށި މި ފަސް މާއްދާއެވެ. މީގެ އިތުރުން އަމަލީ ފަންނުތަކާއި ހަށިގަނޑުގެ ތަރުބިއްޔަތުވެސް އޮވެއެވެ. މި ދެންނެވިގޮތަށް ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ދިޔައިރު ރަސްމީ ތަޢުލީމުގެ އެންމެ މަތީ ކުންނަކީ ފަށާ ތަޢުލީމުގެ އޭރުގެ މިންގަނޑު ކަމަށްވާ ގްރޭޑް 5 އާއި ހަމައަށެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 7 އާއި ހަމައަށް ކިޔަވައިދޭން ފެށުނީ 1989 ވަނަ އަހަރުއެވެ. އަދި 1995 ވަނަ އަހަރު ޕްރީ އަށެއްގައި ކިޔެވި ދަރިވަރުންނާއި އޭރު ގްރޭޑް 7 ގެ ދަރިވަރުންނާއި އެކު ދެވުނު އެންޓްރޭންސް ޓެސްޓުން ގްރޭޑް 8 އުފެއްދޭވަރަށް ދަރިވަރުން ފާސްވެ. 1996 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 8 އުފެއްދުމުގެ ހުއްދަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވުން ވެގެންދިޔައީ ހައްދުންމަތި މިއަދު މިދެކޭ ތަރައްޤީއާއި ތަހްޒީބުގެ ބިންގާ ކަމުގައެވެ.

1996 ވަނަ އަހަރު ފެށިގެން ދިޔަ ޘާނަވީ ކުލާހުގެ ދަރިވަރުން ޘާނަވީ މަރުޙަލާގެ ކިޔެވުން ނިންމައި ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ފުރަތަމަ ފަހަރަށް އިށީންނީ 1998 ވަނަ އަހަރުއެވެ. އެއީ މި ދެ އިމްތިހާނު ލ. އަތޮޅުގައިވެސް ފުރަތަމަ ފަހަރަށް ބޭއްވުނު ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޘާނަވީ ފެންވަރަށް ކިޔަވައިދިނުން ކުރިއަށްގޮސް އެ ހިސާބުން ކިޔެވުން ނިންމާލެވެން ނެތްކަމުގެ ޚިޔާލު އުފެދި މަރުކަޒުގެ ބެލެނިވެރިންނާއި ފޮނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އެކިއެކި އަމިއްލަ ފަރުދުންގެ މަސައްކަތުން 2004 ވަނަ އަހަރު ޖޫންމަހުގެ 25 ވަނަ ދުވަހު މަރުކަޒުގައި މަތީ ޘާނަވީ ކުލާސް އުފައްދައި ބިޒްނަސް ސްޓްރީމް ކިޔަވައިދޭން ފެށިއެވެ. ދަތިތަކަކާއި އެކު މަތީ ޘާނަވީ ނިންމައި އިމްތިޙާނުގައި ބައިވެރިވި ދަރިވަރުން ހޯދި ނަތީޖާތަކަކީ ހިތްހަމަޖެހޭފަދަ ރަނގަޅު ނަތީޖާތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

1983 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ތަނުގައި ހުރީ މައިގަނޑު 3 އިމާރާތެވެ. އެއީ ހަތަރު ކުލާސް ކޮޓަރީގެ ޖާގަ އޮންނަ ވަރުގެ މާލަމަކާއި (ކުރީގެ ޖަލްސާކުރާ ހޯލާއި) ވަކިންހުރި އެއް ކުލާސްކޮޓަރިއާއި އިޖްތިމާޢީ ތަޢުލީމުދޭ ކުލާސް ކޮޓަރި ހިމެނޭ ބަޔަކާއި ހެޑްމާސްޓަރު ހުންނަވާ ގެއާއި އޮފީސް އިމާރާތް ހިމެނޭ ބައެކެވެ. މީގެ އިތުރުން ވަކިން ހަދާފައިވާ ކުޑަ ފާޚާނާ ބަރިއެއްވެސް ހުއްޓެވެ. ކުރިން މި ދެންނެވި އިމާރާތްތަކުގެ އިތުރުން މަރުކަޒުގައި 1994 ވަނަ އަހަރު 4 ކުލާސް ކޮޓަރި ހިމެނޭ އިމާރާތަކާއި ފާޚާނާ ބައރިއަކާއި (މިހާރު ބޭނުންކުރަމުން އަންނަ ފާޚާނާ ބަރި) ގުދަނެއް ހިމެނޭ އިމާރާތެއް އަޅާފައި ވެއެވެ. މި ދެންނެވި ހަތަރު ކުލާސް ކޮޓަރި ފިޔަވައި އެއްވެސް އިމާރާތެއް އޭރު ފަންގިފިލާ ކުރެވިފައެއް ނުވެއެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކަރަންޓްގެ ޚިދުމަތް ލިބިފައިވަނީ 1988 ވަނަ އަހަރު ފޮނަދޫ އަމިއްލަ ފަރާތަކުން ހިންގަމުން ގެންދިޔަ ޖަނަރޭޓަރަކުންނެވެ. އެއީ ކުރިން ފޮނަދޫގައި ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށްވާ ރާމިޒްގެ ގެއެއް ކަމަށްވާ މަޅަނބުގޭގައި ހުރި ޖަނަރޭޓަރަކުންކަން އަދުގެ ޖީލުތަކުގެ މަޢުލޫމާތަށްޓަކައި ބަޔާންކުރުން މުހިންމުކަމަށް ފެންނާތީ މި ނުކުތާ ފާހަގަ ކޮށްލަމެވެ.

ބެލެނިވެރިން އިސްނަންގަވައިގެން ސައިންސް ލެބޯރެޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި 2002 ވަނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. މިތަނުގައި ބޭނުންކުރާނޭ ބައެއް އާލާތާއި ކެމިކަލް ފޮނަދޫގެ އަމިއްލަ ފަރާތެއްކަމަށްވާ އެލްޕާސޯ މުޙައްމަދުފުޅު ހަދިޔާކޮށްފައި ވާކަމީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. ސައިންސް ލެބޯރެޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރު ތަޢުލީމާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކޮމްޕިއުޓަރ ލެބެއް ޤާއިމުކުރުމަށްޓަކައި އިމާރާތެއް ބެލެނިވެރިން ތައްޔާރުކޮށްފިނަމަ އެ ވުޒާރާގެ ފަރާތުން 15 ކޮމްޕިއުޓަރު ސިސްޓަމް ދެއްވާނެކަމަށް ވިދާޅުވިއެވެ. އެހިނދު ލިބިގެންދިޔަ ރަނުގެ ފުރުޞަތުގެ ބޭނުން ބެލެނިވެރިން ހިއްޕަވާ 2002 ވަނަ އަހަރު ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގެރޭ ކޮމްޕިއުޓަރ ލެބެއް ހުޅުވޭވަރު ހެދިއެވެ.

1983 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވި ކިޔަވައިދޭން ފެށުނުއިރު އުނގަންނައިދިނުމުގެ އެހީގެ ގޮތުގައި ބޭނުންކުރާނޭ އެއްވެސް ވަޞީލަތެއް ނުހުރެއެވެ. އޭރުގެ މުދައްރިސުން ކިޔަވައިދެއްވީ އެ މުދައްރިސަކު ކިޔަވައިދޭ މާއްދާއަށް މުޤައްރަރުގައި ހިމެނިފައިވާ ފެންވަރަށް ބަލައިގެން އަމިއްލައަށް ބައިތައް ކަނޑައަޅައިގެންނެވެ. އެހީގެ ގޮތުގައި ބޭނުންކުރުމަށް އޭރު ހަމައެކަނި ހުރީ ޔުނިޓް ފޮތްތަކެއްގެ ނަން ދެވިފައިވާ އިނގިރޭސި ފޮތްތަކަކާއި ދިވެހި ފޮތެކެވެ. އެހެން މާއްދާތަކަށް ތައްޔާރުވަނީ އެ މުދައްރިސަކަށް ލިބިފައިވާ މަޢުލޫމާތަށް ބަލައިގެން އޭގެ އެހީގައެވެ.

1986 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަރުކަޒަށް ޗާޕް މެޝިނެއް ލިބުނެވެ. އެއީ އަތުން އަނބުރައިގެން ޗާޕްކުރާ މެޝިނެކެވެ. 1999 ވަނަ އަހަރުވެގެންދިޔައީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޞީލަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ އަހަރަކަށެވެ. މަރުކަޒަށް ފުރަތަމަ ކޮމްޕިއުޓަރެއް ލިބުނީ އެ އަހަރުއެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ޓެސްޓް ޕޭޕަރު ތައްޔާރުކުރުމުގެ މަސައްކަތަށް ވަރަށްބޮޑު ހަލުވިކަމަކާއި ފަސޭހަކަމެއް ލިބިގެން ދިޔައެވެ. ފުރަތަމަ ފޮޓޯކޮޕީ މެޝިނެއް ލިބުނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. ހަމަ އެ އަހަރު އިތުރު ކޮމްޕިއުޓަރ ސިސްޓަމެއްވެސް ލިބިގެން ދިޔައެވެ. އެއީ ރާއްޖޭގެ ކިޔަވާކުދިން ސްކޫލް ނިންމާއިރު ކޮމްޕިއުޓަރުގެ އަސާސީ މިންވަރު އުނގަންނަވައިދެއްވުމަށް ސަރުކާރުން އެކުލަވާލެއްވި މަޝްރޫޢުގެ ދަށުން ލިބުނު ކޮމްޕިއުޓަރ ސިސްޓަމެކެވެ. އޭގެފަހުން މިހާތަނަށް އައިއިރު ވަޞީލަތްތައް މިއަދު މިވަނީ ވަރަށްބޮޑަށް ތަރައްޤީވެފައެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ކިޔަވާކުދިންގެ ޖަމިއްޔައެއް އުފެދުނީ 1988 ވަނަ އަހަރުގައެވެ. ސްކޫލްގައި ފުނަ، ކާނި، މަދޮށި އަދި ހެލަނބެލީގެ ނަމުގައި ހަތަރު ހައުސް އުފެއްދިއެވެ. އަދި ފަހުން ހެލަނބެލި ހައުސްގެ ނަންވަނީ ކުރެދި ހައުސްއަށް ބަދަލުކޮށްފައެވެ. ހައުސްތަކުގެ މެދުގައި ފުރަތަމަ ފުޓްބޯޅަ މުބާރާތް ބާއްވާފައި ވަނީވެސް 1988 ވަނަ އަހަރުގައެވެ. އޭގެ ދެއަހަރުފަހުން އަންހެންކުދިންނަށް ބަށި މުބާރާތް އަދި ފިރިހެންކުދިންނަށް ފުޓްބޯޅައާއި ވޮލީ މުބާރާތް ބާއްވަމުން ދިޔައެވެ. މިގޮތުގައި ކުރިއަށްގޮސް 1993 ގައި ފުރަތަމަ ނެޓްބޯޅަ މުބާރާތް ބޭއްވުނެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން ބަށި މުބާރާތް ބޭއްވުން ހުއްޓާލާ އަންހެންކުދިންނަށް ވޮލީ އާއި ނެޓްބޯޅަ އަދި ފިރިހެން ކުދިންނަށް ވޮލީ އާއި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން ދިޔައެވެ.

1988 ވަނަ އަހަރު ހައުސް ޙަރަކާތްތަކުގެ އިތުރުން މަރުކަޒުގައި ސްކައުޓް ޙަރަކާތް ފެށިއެވެ. އޭރު ސްކައުޓް ލީޑަރަކަށް ހުންނެވި މިދިޔަ 2012 ވަނަ އަހަރުންފެށިގެން ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމު ހުންނެވި ޢަބްދުﷲ ނަސީހް އެވެ. 2001 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ރަށްރަށުގައި ޓެނިސް ތަޢާރަފް ކުރުމަށް ހިންގެވި ޕްރޮގްރާމްގެދަށުން ފޮނުއްވެވި ކޯޗެއްގެ އެހީގައި ދައިވަރުންނަށް ޓެނިސް ކުޅޭން ދަސްކޮށްދޭން ފެށުނެވެ. 1994 ގައި ފެށުނު ކެޑޭޓް ޙަރަކާތް ކުރިއަށްގޮސް 100 ކެޑޭޓުންނާއި އެކު 1999 ގައި ކެޑޭޓުން ހުޥާކުރުމުގެ ފުރަތަމަ ރަސްމިއްޔާތު ބޭއްވިފައި ވެއެވެ. އަދި 2009 ވަނަ އަހަރު ސްކޫލްގައި ބޭންޑް އުފެދުނެވެ.

ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ޙަޔާތުން 30 އަހަރު ވޭތުވިއިރު ތަން ހިންގެވުމަށް 27 ޕްރިންސިޕަލުން ޙަރަކާތްތެރި ވެފައިވެއެވެ.

ނޯޓް: މިއީ ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޑޮކިއުމެންޓްރީއެއް ތައްޔަރުކުރުމަށް އޭރު މަރުކަޒުގެ މުދައްރިސެއްގެ ގޮތުގައި ޙަރަކަތްތެރިވެލެއްވި މިވަގުތު އަތޮޅު ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އަނީސާއި ސްކޫލްގެ ދޭސީ މުދައްރިސުން ލިޔެ ތައްޔާރުކޮށްފައިވާ ދިގު ރިޕޯޓަށް އަޙްމަދު ރަޝީދު ލިޔެވެފައިވާ ލިޔުމެކެވެ.

ކީރިތި ޤުރުއާނުން ޑިގްރީ ޙާސިލްކުރެއްވި އަލްޤާރީ މުޙައްމަދު އަސްލަމް


ދ. ކުޑަހުވަދުއަށް އުފަން އެރަށު އަލިމަސްގޭ އަލްޤާރީ ސްޓާފްސަރޖަންޓް މުޙައްމަދު އަސްލަމް(ސނ. 2337) ޢުމުރުން ދިހަ އަހަރުގައި ކީރިތި ޤުރުއާނަށް ޝަޢުޤުވެރިކަންއުފެދިގެން އެ ރޮނގުން ކުރިއަށް ދިޔުމަށް މަސައްކަތްތަކެއް ކުރަންފެށިއެވެ. އެންމެ ފުރަތަމަ ބޭބެއެއްގެ ކައިރިން އެދުރުވަމުން ގޮސް ދައްތަގެ އެދުރުދައިތަ ކަމުގައިވެސް ކީރިތި ޤުރުއާން އުނގެނުމަށް މަސައްކަތް ކުރެއްވިއެވެ.މީގެއިތުރުން ސީޑީ ޖަހައިގެން ޤުރުއާން ކިޔަވަން ދަސްކުރެއްވުމުގެ އިތުރުން، ފަތިހު ތެދުވެގެން އޭރު ރޭޑިއޯ އިން ހެނދުނު ފޮނުވާ ކީރިތި ޤުރުއާން އަޑުއައްސަވައިގެންކުރެއްވި މިންނަތް މަސަައްކަތް އެއީ މީގެ 33 ވަރަކަށް އަހަރު ކުރިއެވެ.

''އޭރު ގާތްގަނޑަކަށް އަޅުގަނޑުގެ ޢުމުރުން ވާނީ ދިހަވަރަކަށް އަހަރު. އަލްޤާރީ ޔޫނުސް ވަޑައިގެން ރާއްޖޭގައި ފުރަތަމަ ހިންގި ޕްރޮގްރާމްގައި ބައިވެރި މީހެއް ބޭބެއަކީ. ބޭބެ ޗުއްޓީ ތެރޭގައި ރަށަށް ގޮސް އަޅުގަނޑުމެންނަށް ކިޔަވައިދިނީ. އޭރު ކިޔެވި ކިޔެވުމުގައި އުފެދުނު ޝަޢުގެއްމީ. އޭގެއިތުރުން އަޅުގަނޑުގެ ދައްތައަކީ އެދުރު ދައިތައެއް. އެހެންވީމަ ގޭތެރޭގައިވެސް އެބައި ވަރަށްބޮޑަށް އޮވޭ. ރަށުގެ ވަރަށް ގިނަ ކުދިން އައިސް ދައްތަ ކައިރިން ކިޔަވާނެ. އޭރުންސުރެ ފަށައިގެން ޝަޢުގު ހުންނަ ކަމަކަށްވެފައި މިއޮތީ''. އަލްޤާރީ ސްޓާފް ސާރޖަންޓް މުޙައްމަދު އަސްލަމް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމަށް ޝައުޤުވެރިކަން އުފެދުނު ގޮތް ހާމަކުރެއްވިއެވެ. އަސްލަމް އެންމެ ފުރަތަމަ ޤުރުއާން މުބާރާތެއްގައި ބައިވެރިވެލެއްވީ އޭނާގެ އުފަން ރަށް ކުޑަހުވަދޫގައި ދިރިއުޅުއްވި ދުވަސްވަރު މަޢުހަދުން 1984 ގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޤައުމީ ޤުރުއާން މުބާރާތެއްގައެވެ.
ސިފައިންގެ ޚިދުމަތުން ފުރުޞަތު ލިބުނީވެސް ޤާރީ ކޯހެއް ފުރިހަމަ ކުރަައްވަމުން ދަނިކޮށެވެ. މުޙައްމަދު އަސްލަމްގެ ކާމިޔާބީތަކުގެ ތެރޭގައި 14 ޤުރުއާން މުބާރާތެއްގައި ބައިވެރިވެ އޭގެތެރެއިން 11 މުބާރާތަކުން ވަނަ ލިބިފައިވެއެވެ. 06 މުބާރާތަކުން އެއްވަނަ ލިބިފައިވާއިރު، 03 މުބާރާތަކުން 02 ވަނަ އަދި  02 މުބާރާތަކުން 03 ވަނަ ހޯއްދަވާފައިވެއެވެ. އަދި 2011 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި ދުނިޔޭގެ އެންމެ މޮޅަތި ޤާރީން ބައިވެރިވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކުން ރާއްޖޭގެ ނިސްބަތުން ރަނގަޅު ކާމިޔާބީއެއް ހޯއްދަވާ ގަދަ ދިހައެއްގެ ތެރޭގައި ހިމެނިގެން ގޮސްފައިވެއެވެ.  

'' ސިފައިންގެއަށް ވަނުމުގެ ކުރިން ފުރަތަމަ ޤާރީ ކޯހަށް އަޅުގަނޑުވަނީ. ވަދެހުއްޓަ ބޮންޑުގެ ދަށުން ސިފައިންގެއަށް ވެއްދީމަ ހިތަށް އެރި މިހިސާބުން މިދިޔައިއްޔޭ ދެން ކަންތައް. ކެރިއަރ ނިމުނީއޭ. އެކަމަކު އެހެނެއްނޫން އިރާދަކުރެއްވިއްޔާ ކަންތައްވީ.'' އަސްލަމް ބުނުއްވިއެވެ.

އަސްލަމް ބުނުއްވާ ގޮތުގައި ސިފައިންގެ ޙަޔާތުގައި އެންމެ ފުރަތަމަ ޖަލްސާއެއްގައި އޭނާއަށް ޤުރުއާން ކިޔަވަން ފުރުޞަތު ލިބިގެންގޮސްފައިވަނީ 1995 ވަނައަހަރު ބޭއްވި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ގައެވެ. އެރޭ އަސްލަމްގެ ކިޔެވުން ކަމުގޮސްގެން ގިނަ ބައެއްގެ ތަރުޙީބް ލިބިގެންދިޔައިރު، އޭރުގެ ސިފައިންގެ އެންމެމަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ވަނީ ތަޢުރީފްކުރައްވާ އަސްލަމަށް ހިތްވަރު ދެއްވާފައެވެ.

އަސްލަމުގެ މިހާރު އެންމެ ބޮޑު މަސައްކަތަކީ މި ރޮނގުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުން މުބާރާތްތަކަށް ތައްޔާރުކޮށްދިނުމެވެ. އެގޮތުން އަސްލަމްގެ މޭސްތިރިކަމުގައި އެ ސްކޫލްތަކުން ރަންވަނަތަކެއް ދަނީ ހޯދަމުންނެވެ. އޭގެތެރޭގައި އިސްކަންދަރު ސްކޫލް، ޖަމާލުއްދީން، ސްކޫލް އަމީނިއްޔާ ސްކޫލް އަދި ތާޖުއްދީން ސްކޫލް ހިމެނެއެވެ. މި ސްކޫލްތަކުގެ ތެރެއިން އަސްލަމް ޕްރެކްޓިސް ކޮށްދިން ހުރިހާ ސްކޫލެއް ރަން ވަނަތައް ޙާސިލް ކުރަމުންދާކަން މިއީ ފާހަގަކުރެވޭ ވަރުގެ ކަންތައްތަކެވެ.

ހއ. ހޯރަފުށީގައި އެމްއެންޑީއެފް އިން ހިންގި ތަޖްވީދު މަގަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ކްލާސްތަކެއްގެ ދަރިވަރުންނަށް ޤުރުއާން އުނގަންނައިދޭން އަސްލަމް ކުރެއްވި މަސައްކަތަކީ މުޅިން އާ ތަޖްރިބާއެއް ލިބިގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ހއ. އަތޮޅު ޤުރުއާން މުބާރާތަށް 15 ދަރިވަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ތައްޔާރުކޮށް، މި މުބާރާތުގައި 13 ދަރިވަރަކު ކާމިޔާބީ ހޯދާފައިވާއިރު، ހއ. އަތޮޅު ޤުރުއާން ކިޔެވުމުގެ މުޅި މުބާރާތުން ހޯރަފުއްޓަށް އެއްވަނަ ހޯއްދަވައިދެއްވިއެވެ.

ސީޑީ އަޑުއައްސަވައިގެންނާއި ރޭޑިއޯއިން އޭރު ފަތިހު އަންނަ ކީރިތި ޤުރުއާން އަޑުއައްސަވައިގެން ކުރައްވަމުންދިޔަ މިންނަތް މަސައްކަތުގެ ފޮނިމޭވާ މިއަދު ޙާޞިލްވެއްޖެއެވެ. ޤާރީ ކޯހުން ފެށިގެން ޑިޕްލޮމާ އަށްފަހު، މިހާރު އަލްޤާރީ މުޙައްމަދު އަސްލަމަކީ ރީތިކޮށް ތަޖުވީދުމަގަށް ކީރިތި ޤުރުއާން ކިޔުއްވަމުން އަންނަ ކީރިތި ޤުރުއާނުން ޑީގްރީ ނަންގަވައިގެން ހުންނެވި ރާއްޖޭގައި ތިއްބެވި މޮޅު ޤާރީންގެ ތެރޭގައި ހިމެނިލައްވާ އެއް ޤާރީއެއްކަމާމެދަކު ޝައްކެތް ނެތެވެ.

އަލްޤާރީ މުޙައްމަދު އަސްލަމްގެ މިހުރިހާ މަސައްކަތެއްގެ ފަހަތުގައި އޭނާއަށް ހިތްވަރު ދޭން ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. އެ ލިސްޓް ދިގު ނަމަވެސް ފާހަގަކޮށްލެވޭ ފަރާތްތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އަސްލަމް ބޭނުންވެލައްވައެވެ. މިގޮތުން ލިސްޓްގެ އެއްވަނައަށް އަންނަ ފަރާތަކީ ސިފައިންގެ ލީޑަރ ޝިޕެވެ. ކުރީގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމް ހިމެނިވަޑައިގަންނަވާއިރު، މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ނަންފުޅު ފާހަގަކުރެއްވިއެވެ. އަދި އެ ހުރިހާ ކާމިޔާބެއްގެ ސިއްރަކީ އާއިލާގެ ފަރާތުންނާއި އަނބިކަނބަލުންގެ ފަރާތުން ލިބިލައްވާ އެހީތެރިކަން ކަމަށް އަސްލަމް ބުނުއްވައެވެ.

ހަފްތާ އައްޑަނަ ޓީމުން އެދެނީ އަލްޤާރީ ސްޓާފް ސާރޖަންޓް މުޙައްމަދު އަސްލަމަށް މި ރޮނގުން އިތުރަށް ކުރިއަށް ދިޔުމުގެ ހެޔޮ ނަޞީބު މިންވަރު ކުރެއްވުމެވެ.  

މަސްދަރު: އައްޑަނަ

މާވަށު ބޭބީ ނާސަރީ ކުއްޖެއްގެ އަތް ޓޭޕުން ބަން ކަމަށްބުނެ ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއް – ކައުންސިލް މެންބަރެއް

ލ. މާވަށު ޕްރީ ސްކޫލްގެ ބޭބީ ނާސަރީ ކުއްޖެއްގެ ދެ އަތް އެ ތަނުގެ ޓީޗަރަކު ޓޭޕުން ބަން މައްސަލައެއް ފެންމަތިވެފައި ވާކަމަށް ބައެއް
މީޑިއާ ތަކުގައި މިއަދު ފެތުރެމުންދާ ޚަބަރަކީ ކަމުގެ ޙަޤީޤަތް އޮޅުވާލައިގެން ފެތުރެމުންދާ ވާހަކަތަކެއް ކަމަށް މާވަށު ކައުންސިލް މެންބަރަކު މަޢުލޫމާތު ދީފިއެވެ.

އެލްއޭ ނިއުސް އަށް މަޢުލޫމާތު ހިއްސާކުރެއްވި ކައުންސިލް މެންބަރު ވިދާޅުވީ ޚަބަރުތައް ފެތުރިފައި ވާގޮތަށް ކުއްޖާގެ އަތުގައި ޓޭޕް އަޅާފައި ނުވާކަމަށެވެ.

"އަޅުގަނޑު ދެންމެ މިއައީ ޓީޗަރުންނާއި ބެލެނިވެރިޔާ އާއި ބައްދަލުކޮށްފައި. ކުއްޖާގެ ބެލެނިވެރިޔާ އަކީވެސް ޓީޗަރެއް. އެފަދަ ގޮތަކަށް މަޢުލޫމާތު ދީފައި ނުވާނެކަމަށާއި އެ އަމަލު އެފަދަ ގޮތަކަށް ސިފަކޮށްފައި ނުވާނެކަމަށް ބެލެނިވެރިޔާ ބުނި. އަދި ޓީޗަރުވެސް ބުނީ ޓޭޕުން އަތް ނުބަންނަ ކަމަށާއި އަތުގައި ކުޑަ ޓޭޕްކޮޅެއް ތަތްކޮށްލި ކަމަށް."

ކަން ހިނގި ގޮތް ސާފުކުރެއްވުމަށްފަހު ކައުންސިލް މެންބަރު އެލްއޭ ނިއުސް އަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ކަން ހިނގިގޮތް ނުބަލައި މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓީޗަރުންނަށް ނަފުސާނީ ބިރުވެރިކަމެއް ލިބިފައި ވާކަމަށްވެސް ވިދާޅުވިއެވެ.

މި ޚަބަރު ފަތުރަމުން ހަވީރު އޮންލައިންގައި ތުއްތު ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކާއި ހަވާލާދީ ބުނެފައިވަނީ އެ ކުއްޖާގެ އަތުގައި ޓޭޕް އެޅީ ކްލާހުގައި މަޑުން ނީންނާތީ ކަމަށާއި ނަމަވެސް އެއީ އަނިޔާއެއް ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ޓޭޕް އެޅުމުން އަތަށް ތަދު ވެސް ވާނެ ދެއްތޯ. އަދަބު ދިނުމުގެ ގޮތުން ވެސް އެކަހަލަ ކަމެއް ކޮށްގެން ނުވާނެ. ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އެއީ މާ ބޮޑު މައްސަލައަކަށް ހާދަކަށް،" އާއިލާއިން ވާހަކަ ދެއްކި ބުނިކަމަށް ހަވީރުން ބުނެއެވެ.

ހަވީރު ނޫހުގައި މާވަށު ޕްރީ ސްކޫލް ހިންގާ ރަށު ކައުންސިލްގެ ރައީސް ޔޫސުފް ޢާމިރާއި ޙަވާލާދީ ބުނެފައިވަނީ މިކަމަކީ އިއްޔެ ހިނގި ޙާދިސާއެއް ކަމަށާއި މިކަމާ ގުޅިގެން ބެލެނިވެރިން ޝަކުވާ ހުށައަޅާފައި ވާކަމަށެވެ. އަދި އެ ޝަކުވާއާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެނގިފައިވާ ގޮތުގައި އެއީ ކްލާހުގައި ހިންގި ހަރަކާތެއްގެ ތެރެއިން ކުރި ކަމެއް ކަން އެނގިފައިވާކަމަށެވެ.

"އަދަބެއް ދީ ނުވަތަ އަނިޔާއެއް ދިނުމުގެ ގޮތަކުން ކުރި ކަމެއް ނޫން. އެއީ ކްލާހުގެ ތެރޭގައި ހިންގި ހަރަކާތެއްގެ ތެރެއިން ކޮށްފައިވާ ކަމެއްކަން އެނގިފައި ވަނީ. ނަމަވެސް އެފަދަ ކަންކަން އެ ގޮތަށް ނުކުރުމަށް ސްކޫލުގެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ އަންގާފައި. އަދި އެ ކްލާހުގެ ޓީޗަރުންނާ ވެސް ބައްދަލުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން. ނަމަވެސް އެއީ އެހާ ބޮޑު މައްސަލައަކަށް ހަދައިގެން އެއްވެސް ބަޔަކު ނޫޅޭ،" ޔޫސުފު ޢާމިރު ވިދާޅުވިކަމަށް ހަވީރުގައި ވެއެވެ.

އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެއްވި ކައުންސިލް މެންބަރު ވިދާޅުވީ އެ ޚަބަރަކީ ކަން ހިނގިގޮތާއި ޚިލާފަށް މީހަކު ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށެވެ.

މި އަހަރުގެ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ ކުރިއަށްދަނީ

މިއަހަރުގެ ދިރާސީ ކަލަންޑަރުގައި ފާހަގަކުރެވިފައިވާ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ މިއަދު  އަތޮޅުގެ ސްކޫލް ތަކުގައި  ފާހަގަ ކުރަމުން އެބަދެއެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ ނުވަތަ ޚިދުމަތުގައި ތިއްބަވައިގެން ތަމްރީނު ހޯދާ ދުވަހަކީ ސްކޫލުތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް ތާޒާކުރުމާއި މިދާއިރާއަށް އަލަށް އަންނަހެޔޮ ބަދަލުތަކާއި މޮޅެތި ވިސްނުންތައް ފޯރުކޮށްދިނުމަށް ދިރާސީ ކަލަންޑަރުގައި 2010 ވަނަ އަހަރު އަލަށް ފާހަގަކުރެވި ތަޖުރިބާ ކުރަންފަށާފައިވާ ދުވަހެކެވެ.

މިދުވަސް ދިރާސީ ކަލަންޑަރުގައި އަހަރުގެ ތިންހިސާބެއްގައ ތިންދުވަސް ފާހަކަކުރެވިފައިވެއެވެ. ދުނިޔޭގެ ގިނަޤައުމުތަކުގެ ސްކޫލް މަދަރުސާތަކުގައި މިދުވަސް ތަފާތު ގޮތްގޮތަށް ކުރިއަށްގެންދެއެވެ. ނިއުޒިލޭންޑް އޮސްޓްރޭލިޔާގެ ފަދަ ޤައުމުތަކުގެ ސްކޫލްތަކުގައި ކޮންމެ ހަފްތާއެއްގެ ވެސް ކޮންމެވެސް އެއްދުވަހަކީ މުދައްރިސުން ،މުދައްރިސުންގެ އަމިއްލަކުރިއެރުމަށް މަސައްކަތްކުރާ ދުވަހެކެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ މުދައްރިސުން ކިޔަވާދުވަހެކެވެ.

ރާއްޖޭގައިވެސް މިއަދުމިވަނީ ކިޔަވައިދިނުމުގެ ދާއިރާއަށް ނުހަނު ބޮޑެތި ބަދަލުތަކެއްއަންނަން ފާށާފައެވެ. މިގޮތުން މުދައްރިސުންނަށް ލައިސަންސު ދޫކުރުމާއި އަދި ކޮންމެ މުދައްރިސަކުވެސް ކޮންމެ އަހަރެއްގައި 15 ގަޑިއިރުގެ ޚިދުމަތުގެ ތަމްރީނު ނުވަތަ އިންސާވިސް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ހޯދުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.އަދި މިކަމަކީ ސީދާ މުދައްރިސުންގެ އަމިއްލަ ޒިންމާއެކެވެ.

މިދުވަހަށް ނުވަތަ މިފަދަ ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން ސެންޓަރ ފޮރ ކޮންޓިނިއުންގ އެޑިއުކޭޝަން އާއި ޓީއާރުސީތައް ގުޅިގެން މިހާރުވާނީ ސްކޫލްތަކުގައި މަސައްކަތްކުރާނޭ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ކޯޑިނޭޓަރުން ތަމްރީނުކުރެވިފައެވެ. ލ. އަތޮޅު ހުރިހައި ސްކޫލެއްގައި ޕީޑީ ކޯޑިނޭޓަރުން ތިއްބަވައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން މުދައްރިސުންގެ ހުނަރު އިތުރުވެ ޤާބިލް މުދައްރިސެއްގެ ގޮތުގައި ދެމިހުރުމަށް އިތުރު ހިތްވަރަކާއި ފަހިކަމެއް ލިބިގެން ދާނެކަމަށް އުއްމީދުކުރެވެއެވެ. އަދި ހަމަ މިއަދުގެ ކިޔަވާކުދިންނަށްވެސް މިކަމުގެ ލާބައާއި މަންފާ އެންމެ އެކަށީގެންވާގޮތުގައި ކުރާނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. ހަރުދަނާ ޖީލެއް ބިނާކުރެވޭނީ ޤާބިލް މުދައްރިސުން ތިބެގެންކަމީ ދެބަސް ވެވެންނެތް ހަގީގަތެކެވެ.

މި އަހަރު ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ ބާއްވާފައިވަނީ ޖެނުއަރީ 31 ގައެވެ. ދެވަނަ ދުވަސް ބާއްވާފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. ޖޫން މަހުގެ 27 ވަނަ ދުވަހު (މިއަދު) ބާއްވަމުން އެދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ނެރެފައިވާ ތަޢުލީމީ ކަލަންޑަރުގައި ބުނެފައިވާގޮތުން 3 ވަނަ ދުވަހުއެވެ.

ލ.ގަމުގައި 142 ދަރިވަރުންނާ އެކު ޔުނިވަސިޓީގެ ކެމްޕަހެއް ހުޅުވައިފި

ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ލ. ގަމުގައި ހުޅުވާފައި ވާއިރު 142 ކުދިންނަށް ޖާގަ ދީފައިވާ
ކަމަށް އެތަނުން ބުނެފި އެވެ.
ގަމު މަތިމަރަދޫ ސްކޫލު ހިންގި އިމާރާތުގައި ޔުނިވަސިޓީގެ ކެމްޕަސް ވަގުތީ ގޮތުން ގާއިމުކޮށްފައިވާ އިރު އެތަނުން މި ޓާމް ހަތަރު ދާއިރާއަކުން ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ނާސިން އާއި އިސްލާމިކް ސްޓަޑީޒް އާއި ޓީޗިން އަދި އިނގިރޭސި ބަސް ހިމެނެ އެވެ.
ކެމްޕަސް ހުޅުވުމަށް މިދިޔަ ހޯމަ ދުވަހު ލ. ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ ދަނޑުވެރިކަމާއި މަސްވެރިކަމަށް އަމާޒުކޮށްގެން އެތަނުގައި ވަރަށް އަވަހަށް ކޯސްތައް ފަށާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކަނޑުގެ ދިރާސާ އާއި ކަނޑުގެ އުފެއްދުންތަކަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ ހައްދުންމައްޗަކީ ބިމުގެ ގޮތުންނާއި އާބާދީގޮތުން ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމު ކުރުމަށް ވަރަށް އެކަށީގެންވާ އަތޮޅެއް ކަމަށެވެ.
ހޯމަ ދުވަހު ހުޅުވި ކެމްޕަހަކީ ވަގުތީ ގޮތުން ހުޅުވި ތަނެއް ނަމަވެސް ވަރަށް އަވަހަށް ދާއިމީ އިމާރާތެއް އެތަނުގައި އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
"ގަމުގައި ޔުނިވަސިޓީން ގާއިމުކުރާ ދާއިމީ ބޮޑު ކެމްޕަހަކީ މުސްތަގްބަލުގައި ނަމޫނާ ކެމްޕަހަކަށް ވެގެންދާނެ. އަދި މި ކެމްޕަހުގެ ސަބަބުން ހައްދުންމަތީގެ ރައްޔިތުންނަށް އިލްމީ، އިޖްތިމާއީ އަދި އިގްތިސާދީގޮތުން އެތައް ކުރިއެރުންތަކެއް ގެނެސްދޭނެ،" ހަސަން ވިދާޅުވި އެވެ.
ގަމުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ވެސް ޔުނިވަސިޓީގެ ކެމްޕަސްތައް ހުރެ އެވެ.

ގަމުން ގޭސް ހުސްވެ ދަރުއުނދުނުން ކައްކަން ފަށައިފި

ލ. ގަމުގައި ކައްކާ ގޭސް ހުސްވެ، އެރަށު ރައްޔިތުން ދަރުއުނދުނުން ކައްކަން ފަށާފައިވާ ކަމަށް ގަމު ކައުންސިލުން ބުނެފި އެވެ.

މީޑިއާއަކަށް މައުލޫމާތުދެއްވަމުން 4000 އަށް ވުރެ ގިނަ މީހުން އުޅޭ ގަމު ކައުންސިލްގެ ރައީސް ހުސައިން މޫސާ ވިދާޅުވީ މުޅި ރަށުން ގޭސް ހުއްވެފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި އެކަމުގެ ސަބަބުން އެރަށުގެ ގިނަ ގެތަކުގައި ކައްކަމުން ގެންދަނީ ދަރު އުނދުނުން ކަމަށެވެ.

"ވަރަށް ގިނަ ދުވަސް ވެއްޖެ ކައްކާ ގޭސް މުޅި ރަށުން ހުސްވެއްޖެތާ. ބައެއް ގޭތަކުގައި ގޭސް އެބަހުރި. އެހެންނަމަވެސް މިރަށުގެ ގިނަ ގެތަކުގައި ކައްކަނީ ދަރުއުނދުނުން،" ހުސައިން މޫސާ ވިދާޅުވި އެވެ.

މީޑިއާއާއި ވާހަކަދައްކަމުން އެރަށުގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުއްރަހީމް ބުނީ މުޅި ރަށުން ގޭސް ހުސްވެފައިވާތާ 10 ވަރަކަށް ދުވަސްވެފައިވާ ކަމަށެވެ. އަދި ބުނީ އެރަށަށް ގޭސް ނުލިބެނީ ތިލަފުށިން ގޭސް އަޅައި ނުދޭތީ ކަމަށެވެ.

"މި މުޅިރަށުން ގޭސް ހުއްވެފައިވާތާ ގާތްގަނޑަކަށް 10 ވަރަކަށް ދުވަސްވެދާނެ. ގޭސް ނުލިބޭ ސަބަބަކީ ތިލަފުއްޓަށް ދިޔުމުން ގޭސް އަޅައި ނުދޭތީ. މާލޭގެ ރައްޔިތުންނަށް ފަސޭހައިން ގޭސް ލިބުނުކަމަށްވިޔަސް އަޅުގަނޑުމެން އުޅެންޖެހޭ ހާލުމިއީ،" އަބްދުއްރަހީމް ބުންޏެވެ.

މާލެއާއި އަތޮޅުތަކަށް ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މިދިޔަ ހަފްތާގެ ކުރީކޮޅު ވިލާގޭހާއި އެސްޓީއޯ ގޭހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހަފްތާ ފެށުނު ފަހުން އެސްޓީއޯ އިން ބުނެފައި ވަނީ ކޮންޓްރޯލެއް ނެތި މިހާރު ގޭސް ވިއްކަން ފަށާފައިވާކަމަށެވެ.